މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ގާނޫނާ ދެކޮޅަށް ބަޔާން ނެރުނު ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމެއްގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ނޯވޭ، ނެދަލެންޑްސް، ޖަރުމަނު، އަދި އެމެރިކާގެ އެމްބަސީއާއި އިނގިރޭސި ހައިކޮމިޝަނާއި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައާޅާފައި ހުންނަ މިޝަނުން އިއްޔެ ވަނީ އަބުރު ރައްކާތެރިކުރުމުގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއިން ގެއްލިޔަ ނުދިނުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލައި، ގުޅިފައިވާ ބަޔާނެއް ނެރެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މިޝަންތަކުން ނެރުނު ބަޔާން ދިވެހި ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ.

އެ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ އަބުރުގެ ބިލަކީ ޚިޔާލު ފާޅުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލެއް ނޫން ކަމަށާއި، އެ ބިލުގެ މަގްސަދަކީ އަބުރާ ބެހުމުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދި ދައްކާ ވާހަކައަކީ އިސްލާމް ދީނާ ދެކޮޅު، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވާނެ ވާހަކައަކަށް ނުވާނެކަން ކަށަވަރު ކުރުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން ޝާއިއު ކުރާ ލިޔުމެއްގެ ސަބަބުން މީޑިއާ ސްޓޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނީ އިންޒާރު ދިނުމަށްފަހު ކަމަށާއި، މީޑިއާ ސްޓޭޝަން ސަސްޕެންޑު ކުރުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅަކަށް ޖޫރިމަނާއެއް ނެގޭނެ ކަމަށެވެ. އަދި ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ ފުލުހުން މައްސަލަ ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ދައުވާ ކުރުމަށް ނުވަތަ ނޫން ކަމަށް ޕީޖީއިން ނިންމާނެ ކަމަށް ބަޔާނުގައި ވެ އެވެ.

އަދި ޖިނާއީ މައްސަލައަކަށް އެކަން ބަދަލުވާނީ އެހިސާބުން ކަމަށާއި، ކުށްވެރިވާ މީހަކު ޖަލަށް ލެވޭނީ އެންމެ ހަ މަސް ދުވަހަށް ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިއީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެސް މީހުން ޖަލަށް ލާ މުއްދަތަށް ވުރެ ކުރު މުއްދަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ސަރުކާރާ ދެކޮޅަށް ބަޔާން ނެރުނު ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅޭ ގާނޫނުތަކާ ގަވައިދުތައް ހެދިފައިވާ ކަމަށެވެ.

މީގެ އިތުރުން، ވިލާތުގެ އިއްތިހާދުގެ 28 ގައުމުތަކުގެ ތެރެއިން 23 ގައުމެއްގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރި އެވެ.

ދިވެހި ސަރުކާރުން ބުނީ ރާއްޖޭގެ ގާތް ގައުމުތަކުން ރާއްޖޭގެ ކަންކަމާ ކަންބޮޑުވާތީ ރާއްޖެއިން އުފާ ކުރާ ކަމަށާއި، ނަމަވެސް ކަންބޮޑުވުން ފާޅުކުރުމަށާއި ޚިޔާލު ދިނުމުގެ ކުރިން ސައްހަ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ.

"ނުރަނގަޅު މައުލޫމާތާ އެކު ގައުމުތަކުން ރާއްޖެއާ މެދު ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން ދިވެހި ސަރުކާރުން ކަންބޮޑުވޭ،"

ފޮރިން މިނިސްޓްރީން ބުނީ ބޭރުގެ ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި، އަދި ފާޅުކުރާ ޚިޔާލުތަކަކީ ބިނާ ކުރުވަނިވި ޚިޔާލުތަކާއި، ކުރާ އަމަލުތަކަކީ ޒިންމާދާރު އަމަލުތަކެއް ކަމުގައި ވުން އެދޭ ކަމަށެވެ.