މަޝްހޫރު ފަރާތްތަކާ ބައްދަލުކުރުމަށް، ނުވަތަ އެމީހުންގެ ސަމާލުކަން ހޯދުމަށް ތަފާތު ކަންކަން ކުރާ މީހުން އުޅެ އެވެ. އަދި ކުރާ ކަންތައްތަކުގެ ސަބަބުން ލަނޑު ލިބެނީ ވެސް މަދު ފަހަރަކު ނޫނެވެ.

ބޮލީވުޑުގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކު އިހުތިރާމު ކުރާ ޝަޚުސިއްޔަތަކީ ހަމަގައިމު ވެސް، އަމީތާބް ބައްޗަން އެވެ. އަމީތާބް އަކީ އެތައް ބަޔަކު އޭނާއާ ބައްދަލުކޮށްލަން ބޭނުންވާ ފަންނާނެކެވެ.

އިންޑިއާގެ ބިހާރަށް އުފަން، 23 އަހަރުގެ ބުލެޓް ބަންވަރީލާލް ޔާދަވް އަކީ ވެސް އަމީތާބަށް "މަރުދޭ" ޒުވާނެކެވެ. އަދި އަމީތާބާ ބައްދަލުކޮށްލުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޔާދަވް ވަނީ ވަރަށް އެހެންކަހަލަ ކަމެއް ކޮށްފައެވެ. އޭނާ ވަނީ އަމީތާބްގެ "ޖަލްސާ" ބަންގްލޯ އަށް ވަދެފައެވެ. މިދިޔަ އާދީއްތަ ދުވަހު، އޭނާ އަމީތާބު ދިރިއުޅޭ ގެއަށް ވަނީ ގޭގެ ފާރު މަތިން ފުންމާލައިގެންނެވެ.

ޔާދަވް އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އަމީތާބް އާ ބައްދަލު ކުރުމަށް އޭނާ މުމްބާއީ އަށް އައީ ޕޫނޭ އިންނެވެ. އަދި އާމީތާބް ދިރިއުޅޭ ގޭގެ ފާރުމަތިން އެރީ، އަމީތާބާ ބައްދަލު ކުރުމަށް ފަސް ދުވަސް މަތިން ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަބަރުތައް ބުނާގޮތުން، ޔާދަވް އަމީތާބާ ބައްދަލު ކުރަން ބޭނުންވީ، އޭނާގެ ލަވަކިޔުމުގެ ހުނަރު އަމީތާބަށް ދައްކާލާށެވެ.

ނަމަވެސް، ޔާދަވް ގޭގެ ފާރުން އެތެރެއަށް ފުންމާލި މަންޒަރު ފެނުނީ އަމީތާބްގެ ކައްކާ އަށެވެ. އެހިސާބުން ކައްކާ ވަނީ ޔާދަވް ސެކިއުރިޓީ އާއި ހަވާލުކޮށްފައެވެ.

މިހާރު ޔާދަވް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް މިހާރު ވަނީ މީހެއްގެ ގެއަކަށް ވަގަށް ވަދެފައިވާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފައެވެ.