ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހަމަ ގެއްލިފައި ކަމަށާއި އެކަމުގެ ސަބަބުން އެކޮމިޝަން ތެރެއިން އަދުލު އިންސާފުގެ ނިޒާމް އިސްލާހުކުރަން އުނދަގޫވެފައިވާތީ އެކޮމިޝަން ބަދަލުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫއެންޑީޕީއާ ޝަރުއީ ދާއިރާގައި ހިމެނޭ ތަފާތު މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ "އެކްސެސް ޓު ޖަސްޓިސް ޕްރޮގްރާމް" އަށް ޖަރުމަނު ސަރުކާރުން ދޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ސަރުކާރު ހިންގުމާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ދާއިރާގެ މައްސަލަ ކަމަށެވެ.

އަދި ޝަރުއީ ނިޒާމްގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ޖޭއެސްސީ އެކުލެވިފައި އޮތީ "ޕޮލިޓިކަލީ އިމްބެލެންސް" ]ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެފައިވާ] ގޮތަކަށް ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެ ކޮމިޝަނުގެ ތެރެއިން މަސައްކަތް ކުރަން ވަރަށް އުނދަގޫވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައި އޮތީ ވަރަށް ބޮޑަށް ޕޮލިޓިކަލީ އިމްބެލަންސްކޮށް. ވަރަށް އުނދަގޫ ކަމަކަށްވެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން ތެރެއިން ޝަރުއީ ނިޒާމް އިސްލާހުކުރުން. އެހެންވެ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެ ކޮމިޝަނުގެ ތެރެއިން ޝަރުއީ ނިޒާމް އިސްލާހުކުރާނަން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ގެނެވިފައިވާ ޑިމޮކްރެޓިކް އިސްލާޙީ ބަދަލުގެ މައިގަނޑު އެއް އަސާސަކީވެސް އަދުލު އިންސާފާއި، އިންސާފު ހޯދުން ކަމަށާއި އެ ދާއިރާ ހަރުދަނާ ނުކޮށް ޑިމޮކްރެސީ ނުހިންގޭނެ ކަމަށެވެ.

އަދި ރާއްޖެއަށް ގެނައި އިސްލާހީ ބަދަލުތަކާއެކު، ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ބަދަލުވެފައިވާ ނަމަވެސް، ޖުޑީޝަރީއަށް ބަދަލެއް ނާންނަ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު ތިއްބެވި ފަނޑިޔާރުން އިންސާފު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަނީ ޑިމޮކްރެސީ އައުމުގެ ކުރިން މަސައްކަތް ކުރެއްވި ގޮތަށް ކަމަށާއި އެބޭފުޅުންގެ ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކޮށްފައިވާ 27 ރިޕޯޓެއް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާއިރު، އެ ރިޕޯޓުތަކުގައިވާ މައްސަލަތަކާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ކުރިއަށްގެންދިއުމުގެ ކުރިން ޝަރުއީ ނިޒާމް ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޖަރުމަނު ސަރުކާރުން ދިން އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ. އަދި އެ އެހީ ލިބެން މަގުފަހިވީ އެމަނިކުފާނު މިދިޔަ އަހަރު ޖަރުމަނު ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޖަރުމަނުގެ ޗާންސެލާއާ ދެއްކެވި ވާހަކަފުޅުގެ ސަބަބުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް ޔޫއެންޑީޕީން ހިންގާ "އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް"އަށް، ޖަރުމަނު ސަރުކާރުން ވަނީ 330،579 ޔޫރޯ ނުވަތަ ހަ މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފަ އެވެ. އެ އެހީގެ އެގްރިމެންޓުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެންޑީޕީގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޒިންދު ސާލިޙެވެ. ޖަރުމަނުވިލާތުގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާންސް ޕްލޯޓްނާ އެވެ.

އެ ރަސްމިއްޔާތުގައި ޖަރުމަނު ސަފީރާއި ޒިންދުގެ އިތުރުން ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވާހަކަފުޅުދެއްކެވި އެވެ.