01 Aug 2016, 21:33
މިދިޔަ އަހަރު ނެރުނު ހޮލީވުޑްގެ އެކްޝަން ކޮމެޑީ ފިލްމު، "ސްޕައި" ގައި އެކްޝަން ރޯލެއް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ނަރުގިސް ފަހްރީ އިތުރު ހޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، "ދަ ރޮކްސްޓާ" ގެ ތަރި ސޮއިކޮށްފައިވަނީ ޕްރޮޑިއުސަރު ނަމްރާތާ ސިންގް ގުޖްރާލްގެ ކުރިއަށް އޮތް ފިލްމަށެވެ. އެ ފިލްމުގައި ލީޑް ރޯލުން ނަރްގިސް ފެނިގެންދާއިރު އޭނާއާއެކު އޮސްކާގެ ނޮމިނީ އެކްޓްރެސް ކޭންޑީ ކްލާކް އަދި ގޯލްޑެން ގްލޯބްގެ ނޮމިނީ އެކްޓްރެސް ބޯ ޑެރެކް ފެނިގެންދާނެ އެވެ.
"ބޮލީވުޑްގައި މަސައްކަތްކުރުމަށްފަހު ހޮލީވުޑްގައިވެސް މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ނަސީބެއް. އަހަރެންގެ ދިރިއުޅުން ފުރިފައިވަނީ ހުސް އިއްތިފާގުން. ބޮލީވުޑްއަކީ އޭގެން އެއްކަންތައް އައި އެއީ ވި ރަނގަޅުކަމެއް. އެކަމަކު އަހަރެންގެ ހިތް ބުނަނީ އަމިއްލަ ގައުމުގައި (އެމެރިކާ) ގައި ވެސް ޕްރޮޖެކްޓުތަކެއް ހަދަން ބޭނުންވާ ކަމަށް،" ސޮއިކުރި ފިލްމާ ގުޅޭ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ މޮޑެލް ބުންޏެވެ.
ނަރްގިސް ސޮއިކުރި ފިލްމަކީ ބޮލީވުޑްގެ ކައިވެނި ދަސްކުރަން އިންޑިއާއަށް ދަތުރުކުރި އެމެރިކާގެ ނޫސްވެރިއެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާ އަދި އެމެރިކާގައެވެ.
ނިއުޔޯކްގެ ކުއީންސް އަށް އުފަން ނަރްގިސް އެކްޓު ކުރުމުގެ ދާއިރާއަށް ނުކުތީ 2011 ވަނަ އަހަރު ނެރުނު ބޮލީވުޑް ފިލްމު، "ރޮކްސްޓާ" އިންނެވެ. އެ ފިލްމުގައި އޭނާ ދައްކާފައިވާ ހުނަރުން ނަރްގިސް އަށް ވަނީ ފިލްމުފެއާ އެވޯޑްސް ވެސް ލިބިފައެވެ.
އޭގެ ފަހުން އޭނާ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއްގައި ފެނިގެން ގޮސްފައެވެ. ހާއްސަކޮށް 2014 ވަނަ އަހަރު ރިލީޒްކުރި "މޭ ތެރާ ހީރޯ" އަދި މިއަހަރު ރިލީޒްކުރި "ހައުސްފުލް 3" ހިމެނެ އެވެ.
ހޮލީވުޑް ފިލްމު "ސްޕައި" އަކީ އޭނާ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމެވެ. އެ ފިލްމުން ވެސް އޭނާ ވަނީ އެމްޓީވީ މޫވީ އެވޯޑްސްގައި "ބެސްޓް ފައިޓް"ގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.