މިސަރުކާރަށް ތިން އަހަރުވާން ކައިރިވެފައިވާއިރު ހަތަރު މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު އެބަހުންނެވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މިނިސްޓަރުކަން ކުރެއްވި އެއްބޭފުޅަކަށް ހަމަގައިމުވެސް އަހުމަދު ޒުހޫރުވާނެއެވެ. އެއް އަހަރާއި ފަސް މަސް ދުވަސް ތެރޭގައި އެމަނިކުފާން މިވަނީ ހަތަރު އިދާރާއެއްގެ މިނިސްޓަރުކަން ކުރައްވާފައެވެ. މިއީ ރެކޯޑެއް ނޫންތޯއެވެ.

މިސަރުކާރުގެ ނަސީބް ކަންދިމާކުރާގޮތުން މިއީ ކެބިނެޓަށް ބޮޑެތި ބަދަލުތައް އަވަސް އަވަހަށް އަންނަ ސަރުކާރެކެވެ. ތިން ނައިބު ރައީސް އާއެކުވެސް އެކަން ޔަގީންވެއެވެ. އަޑުގަދަކޮށް އުޅުނު އެތައް މިނިސްޓަރުންނެއްވެސް ވަކިވެގެންގޮސްފިއެވެ. އެމީހުން ސަރުކާރުން ވަކިވެ ދިޔައީއެވެ. މިއަދު އެއީ އިދިކޮޅު ފަރާތްތަކެވެ. ނަމަވެސް ޒުހޫރު ތަފާތެވެ. އެއްމަގާމުން އޭނާ ބަދަލުކުރަނީ ހަމަ އެފަދަ އެހެން މަގާމަކަށެވެ.

މިނިސްޓަރު އަހްމަދު ޒުހޫރު ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މިސަރުކާރު ކުރީކޮޅު ކޮމިޝަނާ އޮފް ކަސްޓަމްގެ މަގާމުން ޒުހޫރު ފެނިގެންދިޔަ އިރު މާގިނަ ދުވަސްތަކެއްނުވެ މިދިޔަ އަހަރު މާޗް މަހު ވަނީ ހެލްތް މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެންފައެވެ. އޭގެ ތިން މަސް ފަހުން ވަނީ ޔޫތު މިނިސްޓަރު މަގާމަށް އައްޔަން ކުރައްވާފައެވެ. އޭގެ މާކަ ގިނަ ދުވަހެއްނުވެ ހޯމް މިނިސްޓަރު މަގާމަށެވެ. އަދި އިއްޔެ މިވަނީ ރައީސް އޮފީސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

މިވަނީ ކިހިނެއް؟

މީގެ ކުރިން މިނިސްޓަރުކަމުގައި ހުންނަވާ ފަރާތްތަކުން އެމަގާމުން ވަކިކޮށް ސަރުކާރުން ދުރުކުރާއިރު ޒުހޫރު މިދަނީ އެއް މަގާމުން ހަމަ އެފަދަ މަގާމަކަށެވެ. މިވަނީ ކީއްތޯ މިއީ އެތައް ބައެއްގެ ހިތްތަކުގައު އުފެދިފައިވާ ސުވާލެވެ. ތަފާތުގޮތްތަކަށް މިވާހަކަ ދެކެވެއެވެ.

ޒުހޫރާއެކު ގާތްކޮށް މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނާގޮތުން ޒުހޫރުގެ މެނޭޖުމަންޓް ލެވަލް ދަށީއެވެ. އެއްތަނުން އަނެއް ތަނަށް ބަދަލުކުރަންޖެހެނީ އެހެންވެއެވެ.

އަނެއް ބަޔަކު ގަބޫލްކުރާގޮތް ތަފާތެވެ. އެއީ ޒުހޫރަކީ ވަރަށް ތަފާތު ބޭފުޅެއް ކަމަށާއި އޭނާ ގެއްނަން ބޭނުންވާ ބަދަލެއް ގެނެސް، ވިދާޅުވަންޖެހޭ އެއްޗެއް ސީދާ އެމީހަކާއި ދިމާލަށް ބުނާ ކަމަށް ވެއެވެ. އެއީ އޭނާއާއި ދޭތެރޭ ބައެއް މީހުން ހިތްހަމަ ނުޖެހޭ ނަމަވެސް ރައީސް ހިތްހަމަޖެހޭ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

"ބުނަން ބޭނުން އެއްޗެއް ސީދާ އެމީހަކާއި ދިމާލަށް ބުނާނެ، މިއީ ބައެއް މީހުން ހިތްހަމަ ނުޖެހޭ ކަމެއް، ހަގީގަތަކީ ޒުހޫރަކީ ވަރަށް ހިންގުންތެރި ބޭފުޅެއްކަން،" ސަރުކާރުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.

ދެން އޮތީ އެހެން ތިއަރީއެކެވެ. އެއީ ތިން ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒުހޫރަކީ ހުރިހާ ދާއިރާއެއްގައިވެސް ބޭނުން ކުރެވޭ ވަރުގެ ގާބިލް ބޭފުޅަކަށްވުމުން ރައީސް އެބޭފުޅާގެ ބޭނުން ހެޔޮގޮތުގައި ހިތްޕަވަނީއެވެ.

"އެބޭފުޅާއަކީ ތިން މާސްޓާސް އޮތް މޮޅު ތަޖުރިބާކާރު ބޭފުޅަކަށްވުމުން ރައީސް އެބޭފުޅާ ކޮންމެ ދިމާލަކަށްވެސް ލެއްވޭވަރުގެ ބޭފުޅަކަށްވުމުން ލަށްވަނީ ކަމަށް އަޅުގަނޑުމެން ކައިރި ޒުހޫރު ވިދާޅުވަނީ" ޒުހޫރުގެ ގާތް ބޭފުޅަކު ވިދާޅުވިއެވެ.

ރައީސް ޔާމީންއާއި ޒުހޫރު ވަރަށް ގާތްގުޅުމެއް!

އެއް މިނިސްޓަރު ކަމުން އަނެއް މިނިސްޓަރު ކަމަށް ބަދަލު ކުރި ނަމަވެސް ޒުހޫރު ކެބިނެޓުން ވަކިނުކުރަނީ ކީއްވެގެންތޯ ކުރާ ސުވާލަށް ދެވޭނެ ޖަވާބަކީ އަދުގެ ރައީސް އަބްދުﷲ ޔާމީން އާއި ޒުހޫރުއަކީ "ބެސްޓީސް" ކަމަށެވެ. އެގުޅުން ބަދަހިވެފައިވާކަމަށް ބެލެވެނީ ރައީސް މައުމޫން ސަރުކާރުގައި ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަން އަކަށް ހުންނެވިއިރު އެވެ. އެއީ ޒުހޫރު އެކުންފުނީގެ އިސްމަގާމުތައް ފުރުއްވި ޒަމާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ ކަމަށް އަލްފާޟިލް އަޙްމަދު ޡުހޫރު ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް

ރައީސް މައުމޫން އާއި ވަކިން ރައީސް ޔާމީން ޕީޕަލް އެލަޔަންސް(ޕީއޭ) ހެއްދެވިއިރުވެސް ޒުހޫރު އުޅުއްވީ ރައީސް ޔާމީންއާއެކުއެވެ. ޕީއޭގެ އިދާރީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވީ އެމަނިކުފާނެވެ. އެހެންކަމުން އެދެބޭފުޅުންގެ ސިޔާސީ ވިސްނުންވެސް ވަރަށް ދިމާވާ ކަމަށް ބެލެވެއެވެ.

ޒުހޫރު ތަފާތު ބޭފުޅެއް!

ގދ. ތިނަދޫގެ މެދުފަންތީގެ އާއިލާއެއްގެ އެންމެ ދޮށީ ދަރި ޒުހޫރަކީ ޅަ ދުވަހު އުންމީދު ނުކުރާ ކަހަލަ ކަންތައްތަކެއް ތަހައްމަލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އުމުރުން ހަތް އަހަރުން ފެށިގެން ހަތް ވަރަކަށް އަހަރު އިސްލާހިއްޔާގައި އުޅެންޖެހުނު ޖެހުމެވެ.

އެއަށްފަހު އުމުރުން އެންމެ 14 އަހަރުގައި ސްޕޯޓްސް ޑިވިޒަންގެ ކާތިބުގެ މަގާމާއެކު ދައުލަތައް ހިދުމަތް ކުރަށްވަން ފެއްޓެވިއެވެ. އެއަށްފަހު އާދައިގެ ވަޒީފާއެއްގައި އެމްޓީސީސީ ގައި އުޅުމަށްފަހު ބޯޓް ދަތުރުކުރަން ދިޔައެވެ. ތައުލީމަށްފަހު ރާއްޖެ ވަޑައިގެން އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އެސްޓީއޯގައެވެ.

ތައުލީމް ހާސިލްކުރެއްވީ އަމިއްލަ މަސައްކަތުންނެވެ. އޯލެވެލްވެސް ހެދީ ސުކޫލަކަށް ނުގޮސް ގެއަށް ޓީޗަރަކު ގެނެސްގެން އަމިއްލައަށް ޓެސްޓުގައި ބައިވެރިވެގެންނެވެ. އެއަށްފަހު މަސައްކަތައް އިންޑިއާއިން މަތީ ތައުލީމް ހާސިލްކުރަން ފެއްޓެވިއެވެ. އެއަށްފަހު އޮސްޓުރޭލިއާއިންނާއި ޖަޕާނުން ތައުލީމް ހާސިލް ކުރެއްވިއެވެ. ޒުހޫރުވަނީ މެރިޓައިމް ދާއިރާއިންނާއި ބިޒުނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އެކައުންޓިން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ.

އުމުރުގެ ޅަދުވަހު އިސްލާހިއްޔާގައި އުޅެންޖެހުނު ޒުހޫރަކީ ވަރަށްވެސް ތަފާތު ބޭފުޅެކެވެ. ކޮންމެ މީހަކަށްވެސް ގައުމަށް ހިދުމަތް ކޮށްދެވިދާނެކަން ސާބިތުއެކޮށްދެއްވަނީ ނަމޫނާއަކާއެކެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މިނިސްޓަރުކަން ކުރެއްވި އެއްބޭފުޅާއެވެ.