ސިވިލް ސާވިސްގެ އިދާރާތަށް ޒަމާނީކޮށް ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހިންގަން ނިންމާފައިވާ އޮޑިޓް މާދަމާ ފަށަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ އިދާރާތަކުގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް ކަންކަން ދިރާސާ ކުރުމުގެ މަގްސަދުގައި އިދާރާތަކުގެ އިންސާނީ ވަސީލަތުގެ ހާލަތު އޮތްގޮތާއި ބޭނުންކުރެވެމުންދާ ގޮތް އަދި މުވައްޒަފުންގެ ގާބިލްކަން ހުރިނެތްގޮތް ދެނެގަތުމަށްޓަކައި ސީއެސްސީ އިން އިދާރާތަކަށް ޒިޔާރަތްކޮށް މާދަމާ އޮޑިޓެއް ކުރަން ފަށާނެ ކަމަށެވެ.

ހިއުމަން ރިސޯސް އޮޑިޓް ކުރުމުން ދިވެހި ސިވިލް ސާވިސް ޒަމާނީކޮށް ތަރައްޤީ ކުރުމަށާއި ހަރަދު ކުޑަކޮށް ޓެކްނޮލޮޖީގެ ބޭނުން ހިފައި ކުރިއެރުވުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މަސައްކަތުގެ ގާބިލްކަމަކީ ކޮބައިކަން ދެނެގަނެވޭނެ އެވެ.

މީގެ އިތުރުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން މުވައްޒަފުންނަށް ހިންގަން ބޭނުންވަނީ ކޮންކަހަލަ ކޮންފެންވަރެއްގެ ތަމްރީން ކޯސްތަކެއްކަން އެ އޮޑިޓުން ދެނެގަނެވޭއިރު، އިދާރާތަކަށް މުވައްޒަފުން ބޭނުންވާ ހެޔޮ މިންވަރަކީ ކޮބައިކަން ދެނެގަނެވި، ސްޓްރެޓެޖިކް ބަދަލު ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިވިލްސާވިސް ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިމަހުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، އިދާރާތަކުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެފަދަ އޮޑިޓެއްގެ މުހިއްމުކަން ބޮޑު ކަމަށެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތުގެ ގަވާއިދު ހިފަހައްޓާ މިންވަރު ވަޒަންކުރުމަށް ކޮންމެ އިދާރާއެއްގައި ސުޕަވައިޒަރުންތަކެއް ބޭތިއްބުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.