ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިޔާ (ފެމްބޯސާ) ގެ ހަތްވަނަ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ސައުތު އޭސިޔާގެ އިންތިހާބީ އިދާރާތަކުގެ އިސްވެރިން މިއަދު ރާއްޖެ ވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.

މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ ފެމްބޯސާގެ ހަތްވަނަ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުތަކުގައި ހިމެނޭ ސައުތު އޭސިޔާގެ އިންތިހާބީ އިދާރާތަކުގެ އިސްވެރިން މިއަދު ހެނދުނުން ފެށިގެން ރާއްޖެ ވަޑައިގަންނަވަމުން ދާއިރު، އަފްޣާނިސްތާން، ސްރީލަންކާ، ބޫޓަންގެ އިތުރުން ނޭޕާލްގެ އިސްވެރިން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިހާރު ރާއްޖެ ވަޑައި ނުގަންނަވަނީ ބަންގްލަދޭޝް އާއި އިންޑިޔާގެ ވަފުދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ފެމްބޯސާގެ އަހަރީ ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް އެއް ފަހަރު މެންބަރު ގައުމުތަކުގެ ތެރެއިން ގައުމެއްގައި އަންނަނީ ބާއްވަމުންނެވެ. އެ ގޮތުން މިއަހަރުގެ ބައްދަލުވުން ރާއްޖޭގައި ބާއްވާއިރު، މި ބައްދަލުވުމުގެ ބޭނުމަކީ ސައުތު އޭޝިޔާގެ ގައުމުތަކުގެ އިންތިހާބާބެހޭ އިދާރާތަކުގެ އިސްވެރިން ބައްދަލުކޮށް، އިންތިހާބުތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުން ކަމަށް އިލެކްޝަންސް އިން މައުލުމާތުދެއެވެ.