01 Aug 2016, 17:21
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ބިލާ މެދު ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދު ހުށަހެޅުއްވި "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ބަހުސް މަރުހަލާ މިއަދު ކުރިޔަށް ގެންގޮސްފައިވާ އިރު، އެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީއަށް ބިލު ފޮނުވާފައި ވެ އެވެ.
ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައުކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލު ފާސްވެއްޖެ ނަމަ ރާއްޖޭގައި ރައްޔިތުންނަށް ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން، އިންސާނީ ހައްގުތަކާ ބެހޭ އާންމު ގަރާރާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ މަދަނީ ހައްގުތައް ބޭނުންކުރުމަށް ދިވެހީންނަށް ހުރަސް އެޅޭނެ ކަމަށް އޮސްޓްރޭލިއާއިން ބުންޏެވެ.
އޮސްޓްރޭލިއާ ހައި ކޮމިޝަނުން ބުނީ ރައްޔިތުންނަށާއި ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަކީ މުހިންމު ކަންތައްތައް ކަމަށާއި، އެހެންކަމުން މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ގާނޫނާ މެދު ފާޅު ކުރެވެމުންދާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
"ޑިމޮކްރަސީއާއި ދެފުށް ފެންނަ ސިޔާސަތުތަކަށާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށާއި، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލާ މެދު ހުރި ކަންބޮޑުވުންތަކާއި އެ ބިލުގެ އަސަރުތަކާ މެދު ރިޢާޔަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން،" އޮސްޓްރޭލިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
އޮސްޓްރޭލިއާއިން ދިވެހި ސަރުކާރަށް މިހެން ގޮވާލާފައިވާ އިރު، ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް މިޝަންތަކުން ވަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއިން ގެއްލިޔަ ނުދިނުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލައި، ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާން ނެރުނީ އެމެރިކާ، ނޯވޭ، ޖަރުމަނު އަދި ނެދަލެންޑްސްގެ އެމްބަސީއާއި އިނގިރޭސި ހައި ކޮމިޝަނުގެ އިތުރުން ލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ވިލާތުގެ އިއްތިހާދުގެ ޑިޕްލޮމެޓިކް މިޝަންގެ ފަރާތުންނެވެ.