01 Aug 2016, 17:07
އައިއެސްގެ މެމްބަރުން ރަޝިއާގައި "ޖިހާދު" ކުރުމަށް ގޮވާލައި އެ ޖަމާއަތުން ވީޑިއޯއެއް ރިލީޒްކޮށްފި އެވެ.
ސަހަރާއެއްގައި ކާރެއް ދުއްވަމުންދިޔަ، މޫނު ނިވާކޮށްގެން އިން މީހަކު ރިކޯޑްކޮށްފައިވާ އެ ވީޑިއޯ މެސެޖުގައި ވަނީ ރަޝިއާއަށް އައިއެސްގެ ހަނގުރާމަވެރިން ގޮސް އެގައުމުގެ ރައްޔިތުން ގެތަކުގައި ތިއްބާ މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"ޕޫޓިން އަޑުއަހާ. އަހަރެމެން ރަޝިއާއަށް ގޮސް ކަލޭމެން ގެތަކުގައި ތިއްބާ މަރާލާނަން. އޭ އަހަރެމެންގެ ބޭބެމެންނޭ. ރަޝިއާގައި ޖިހާދު ހިންގައި އެމީހުންނާ ހަނގުރާމަކޮށް މަރާ،" އައިއެސް އިން ރިލީޒްކުރި ނުވަ މިނެޓުގެ އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ސަބްޓައިޓަލް އާއިއެކު ފެންނަ އެ ވީޑިއޯގައި ހަތިޔާރުއެޅި ހަނގުރާމަވެރީން ސަހަރާތެރޭގައި ހުރި އެއްގަމު އުޅަނދުތަކަށާއި ޓެންޓު ތަކަަކަށް ހަމަލާދޭ މަންޒަރާއި ހަތިޔާރުތައް އެއްކުރާ މަންޒަރު ފެނިގެންދެ އެވެ.
އެ ވީޑިއޯއަކީ، އައިއެސްގެ ވީޑިއޯއެއް ކަން އަދި ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، އެ ވީޑިއޯ ފޫޓޭޖް ޝާއިރުކޮށްފައިވާ ޓެލެގްރާމް މެސެޖިން އެކައުންޓަކީ އައިއެސްއާ ގުޅުންހުރި ގްރޫޕެއް ކަމަށް ވެއެވެ.
އައިއެސް އިން ރަޝިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ސީރިއާގައި ހަރަކާތްތެރިވާ އައިއެސްއާ އަލް ގައިދާއާ ދެކޮޅަށް އަސްކަރީ އަދި އިންޓެލިޖެންސް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރަޝިއާ އަދި އެމެރިކާއިން ދަނީ މަޝްވަރާތަކެއް ކުރަމުންނެވެ.
އައިއެސްއިން ވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޔޫރަޕްގެ އެކި ގައުމުތަކުގައި ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފްރާންސްގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް އެއްވެތިބި ބައެއްގެ ތެރެއަށް ބާރު ދުވެލީގައި ދުއްވާފައި އައި ޓްރަކެއް ވައްދާލައި އޭގެން ޖައްސައި 70 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާއަށްފަހު، ޖަރުމަނުގައި އައިއެސް ޖަމާއަތުން ވަނީ ހަތަރު ހަމަލާއެއް ދީފަ އެވެ. (ރޮއެޓާސް)