01 Aug 2016, 16:57
ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ގައުމުގެ މުސްތަގުބަލު ހަލާކު ކުރަން ކަމަށާއި، އެފަދައިން ބަޔަކު ދައްކާހާ ވާހަކައެއްގެ ހަގީގަތެއް ނުބަލައި އެކަންކަން ގަބޫލުކުރާ ބަޔަކަށް ރައްޔިތުން ވެގެން ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އަޅާ 3،000 ހައުސިން ޔުނިޓުގެ ސީލައިފް ކޮމްޕްލެކްސް އެޅުމަށް ލަންކާގެ ކޮންޓްރެކްޓަރަކު ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ހަގީގަތަކީ، ސަރުކާރުން ހިންގާ ތަރައްގީގެ ކޮންމެ މަޝްރޫއުއަކީ ވެސް އިޚްލާސްތެރިކަމާ އެކު، ރައްޔިތުންގެ މަންފާއަށް ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.
"މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސް ނިންމާ އިރު ރައްޔިތުންގެ ފަރާތުން މިކަންކަން ބަލައިގަންނާނެ. ރައީސް ޔާމީން ކުރިޔަށް ގެންދަވާ ކަންކަން ބަލައިގަންނާނެ. އޭގެ ސަބަބުން ދެން އިދިކޮޅު ފަރާތްތަކުން އެދޭ ފަދަ ދުވަހެއް މިގައުމަށް އައުމުގެ ފުރުސަތެއް ނޯންނާނެ. އެފަރާތްތަކުން އެކަން ގަބޫލުކުރޭ. އެހެންވެ ކޮންމެ ފަދަ ގޮތެއް ހަދާފައި ވެސް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަނީ،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ތިއްބެވި، ރާއްޖޭގެ އިދިކޮޅު ސިޔާސީ ކޯލިޝަނުގެ އިސްވެރިންނަށް ނިސްބަތް ކުރައްވައި ހައުސިން މިނިސްޓަރު ވިދާޅުވީ ބޭރު ގައުމުތަކުގައި ތިބެގެން ދިވެހީންގެ ބަޔަކު މަސައްކަތް ކުރަނީ ގައުމުގެ މުސްތަގުބަލު ހަލާކު ކުރުމަށްޓަކައި ކަމަށާއި، އެމީހުން އެފަދައިން މަސައްކަތް ކުރަނީ އަމިއްލަ އެޖެންޑާއެއް އޮތުމުން ކަމަށެވެ.
މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ބޭރުގައި ތިބެގެން ބަޔަކު ދައްކާ ވާހަކައެއް ގަބޫލު ކުރާ ނަމަ، ސަރުކާރުން ހިންގާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.
"ބޭރުގައި ތިބެގެން ބަޔަކު ދައްކާހާ ވާހަކައެއް ގަބޫލު ކުރަންޏާ މިތަނުގައި މިއަދު ސޮއި ކުރެވުނު މަޝްރޫއު ގަބޫލު ކޮށްގެން ނުވާނެ. އެމީހެއްގެ ރަށުގައި އަޅާ ބަނދަރު ވެސް ހަގީގަތެއް ކަމަށް ގަބޫލު ކޮށްގެން ވެސް ނުވާނެ،"
މުއިއްޒު ވިދާޅުވީ ރައްޔިތުންނަކީ ހަގީގަތަށް ލޯބިކުރާ، ހަގީގަތް ގަބޫލު ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށާއި، ހަގީގަތް ނުބަލައި ބަޔަކު ދައްކާހާ ވާހަކައެއް ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.