01 Aug 2016, 16:50
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ނަމުގައި ފޭކް ފޯނުކޯލްތަކެއް ކޮށް ފައިސާ ފޮނުވުމަށް އެދެމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އެސްޓީއޯ އިން އާންމުކުރި ބަޔާނެއްގައި ބުނީ، އެސްޓީއޯގެ ނަމުގައި އެކި ފަރާތްތަކުގެ ފޯނަށް ގުޅައި، އެސްޓީއޯގެ ޕްރޮމޯޝަނެއްގައި ބައިވެރިކޮށްދޭނެކަމަށް ބުނެ، ވަކި މޮބައިލް ނަންބަރު ތަކަކަށް ފައިސާ ރީލޯޑް ކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބެމުން ދާކަމަށެވެ.
އެސްޓީއޯ އިން ބުނީ މޮބައިލް ފޯނަށް ފައިސާ ރީލޯޑް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން އެއްވެސް އިރެއްގައި ހިންގާފައި ނުވާނެ ކަމަށެވެ.
އެހެންކަމުން އެފަދަ "ހީލަތްތެރި" ކަންކަމަށް އާންމުން ސަމާލު ވުމަށް އެ ކުންފުނިން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފޭކު ފޯނުކޯލެއް ކޮށްގެން ފައިސާ ފޭރުން މިހާރު ވަނީ ރާއްޖޭގައި އާންމުވެފަ އެވެ. ނަމަވެސް ފައިދާތަކެއް ދިނުމުން ޕްރޮމޯޝަނެއްގައި ބައިވެރިވެވޭ ފަދަ އެއްވެސް ޕްރޮމޯޝަނެއް މިހާތަނަށް ރާއްޖޭގެ އެއްވެސް ކުންފުންޏަކުން ހިންގާފަ އެއް ނުވެއެވެ.
އެހެންކަމުން އެފަދަ ކޯލެއް ލިބިއްޖެނަމަ އެކަމަށް އަޅާ ނުލުމަށާއި އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އެކި މުއައްސަސާތަކުން އެދެ އެވެ.