މޮސްކޯ(އޮގަސްޓް 1): ސީރިއާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ހެލިކޮޕްޓަރެއް އެގައުމުގެ އިދްލިބް ޕްރޮވިންސުން ދަތުރު ކުރަމުން ދަނިކޮށް ވައްޓާލުމުގެ ސަބަބުން ބޯޓުގައި ތިބި ފަސް މީހަކު މަރުވެއްޖެ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހެލިކޮޕްޓަރު ވައްޓާލި އިރު އޭގައި ދަތުރު ކުރަމުން ދިޔައީ ތިން ކުރޫއިންނާއި ދެ އޮފިސަރުންނެވެ. އަދި އޭރު ހެލިކޮޕްޓަރު ދަތުރު ކުރަމުން ދިޔައީ ސީރިއާގެ އަލެއްޕޯއަށް އެހީ ފޯރުކޮށް ދިނުމަށް ފަހު ރަޝިއާގެ އެއާބޭސްއަކަށެވެ.

އެއީ ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މިއަހަރު ވައްޓާލި ރަޝިއާގެ ތިން ވަނަ ހެލިކޮޕްޓަރެވެ. ސީރިއާ ހަނގުރާމައިގައި އެގައުމުގެ ސަރުކާރާ އެއްބައިވެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ރަޝިއާއިން ފެށީ މިދިޔަ އަހަރެވެ. (އާރުޓީ)