ސްރީލަންކާގައި ޑިމޮކްރަސީ ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގައި ވެސް ޑިމޮކްރަސީ ހަމަޖެހެމުންދާ މަންޒަރު ފެންނަމުން ދާ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓުގެ "ސީލައިފް ކޮމްޕްލެކްސް"ގެ ކޮންޓްރެކްޓަރަކަށް ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސް ކުންފުނި ހަމަޖެއްސުމަށް މިއަދު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖެ އޮތީ ވަރަށް ހަލަބޮލިކޮށް ކަމަށެވެ.

ހައުސިންގ މިނިސްޓަރު މުއިއްޒުއާއި ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރަވީ ވިދާޅުވީ، ސްރީލަންކާގެ އާ ސަރުކާރު 2015 ވަނަ އަހަރު ވެރިކަމަށް އައި އިރު ލަންކާ ވެސް އޮތީ އެފަދަ ހާލެއްގައި ކަމަށެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ އެއަށް ފަހު ލަންކާގައި ޑިމޮކްރަސީ ހަމަޖެހުނު ގޮތަށް ރާއްޖޭގައި ވެސް ޑިމޮކްރަސީގެ ނިޒާމު ހަމަޖެހެމުންދާ މަންޒަރު ފެންނަމުން ދާ ކަމަށެވެ.

"ޑިމޮކްރަސީއަކީ ވަރަށް މުހިންމު އެއްޗެއް. ސްރީލަންކާގައި ޑިމޮކްރަސީ އަށަގަނެ، ހަމަޖެހުނު ގޮތަށް ރާއްޖޭގައި ވެސް އެކަން އެގޮތަށް ވަމުން ދާ މަންޒަރު އެބަ ފެނޭ،" ރަވީ ވިދާޅުވި އެވެ.

ރަވީ މިހެން ވިދާޅުވި އިރު، ރާއްޖޭގެ މުއައްސަސާތަކާއި ވެރިކަމުގެ ނިޒާމުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ކޮމަންވެލްތުގެ އެހީއަށް މިއަހަރުގެ ކުރީކޮޅު ރާއްޖެއިން އެދުމުގެ ސަބަބުން ކޮމަންވެލްތުން ރާއްޖެއަށް ޚާއްސަ މުޝީރެއްގެ ގޮތުގައި ކަނޑައެޅުއްވި ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ވިލީ މުޓުންގާ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަވީ ވިދާޅުވީ މިއަދު ސޮއިކުރެވިގެން ދިޔަ އެއްބަސްވުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ސްރީލަންކާގެ އަމިއްލަ ކުންފުނިތަކުން ބައިވެރިވުމުގެ ފެށުމެއް ކަމަށާއި، އުންމީދު ކުރައްވަނީ ކުރިޔަށް އޮތް ތަނުގައި ގިނަ ކުންފުނިތަކަކުން މި މަސައްކަތިގައި ބައިވެރިވާނެ ކަމަށް ކަމަށެވެ.

އަދި ސްރީލަންކާގެ ސަރުކާރުން ވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އެހީތެރިވެދެއްވާނެ ކަމަށް ރަވީ ވިދާޅުވި އެވެ.