01 Aug 2016, 16:03
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ވަގުތީ ކޮމެޓީގެ މުގައްރިރަކަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު އަދި އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހަމަޖެއްސެއްވުމަށް ފާސްކޮށްފި އެވެ.
އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވީ ކޮމެޓީގެ މުގައްރިރަކަށް ހަލީލުގެ ނަން ހުށަހެޅުއްވީ އާމިރު ކަމަށެވެ. އަދި އެ ނަންފުޅަށް ތާއިދުކުރެއްވީ ޖަމީލު ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ ކޮމެޓީގެ ނައިބު މުގައްރިރަކަށް އާމިރުގެ ނަން ހުށަހެޅުއްވީ އޭނާ ކަމަށެވެ. އަދި އެ ނަންފުޅަށް ތާއީދު ކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކަމަށެވެ.
ޖަމީލު ވިދާޅުވީ އެ ދެ ބޭފުޅުންގެ ނަންފުޅު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އެގާރަ މެމްބަރުންގެ ވަގުތީ ކޮމެޓީގައި މެނިވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ޑރ. އަބްދުﷲ ހަލީލާއި އަލީ އާރިފްގެ އިތުރުން ޖަމީލް އުސްމާން އާއި ބިލު ހުށައެޅުއްވި ޖައުފަރު ދާއޫދު އާއި ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ޝިނާން އަލީ ހިމެނިވަޑައިގަންނަވަ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިލްހާމް އަހުމަދާއި މޫސާ ނިޒާރު އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާއިރު އެމްޑީއޭއަށް ނިސްބަތްވާ އަހުމަދު އާމިރާއި އެމްޑީޕީއަށް ނިސްބަތްވާ މާރިޔާ އަހުމަދު ދީދީގެ އިތުރުން ފައްޔާޒު އިސްމާއިލް އެކޮމެޓީގައި ހިމެނި ވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބުރުގެ ބިލު ބަލައިގަތުމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ.
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.