ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތައް ސާބިތުކުރަން ހެކި ހުށަހަޅައިފި އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅީ ދެ ފުލުހެއްގެ ނަމެވެ. އެ ދައުވާގެ ދިފާއުގައި ވިސާމް ވަނީ ހަތަރު މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

ހެކީގެ ގޮތުގައި ވިސާމް ހުށަހެޅީ އދ. ހަންޏާމީދޫ، ކަނދުގަސްދޮށުގެ، އަހުމަދު އަންވަރު އާއި ގ. ހެޕީސައިޑު، ހުސައިން އިލްހާމާއި ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓު އާދަމް ޒަރީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ ނަމެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ.

ވިސާމާއި ލީވާންގެ މައްޗަށް އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް ވެސް ދައުލަތުން މިއަދު ވަނީ ހެކި ހުށަހަޅާފަ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ފަސް ފުލުހެއްގެ ނަމެވެ.

އެ ދައުވާގެ ދިފާއުގައި ވިސާމާއި ލީވާން ހެކީންގެ ގޮތުގައި ހުށަހެޅީ ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ރާއްޖެ ޓީވީގެ ޖާނަލިސްޓު މުރުޝިދު އަބްދުލް ހަކީމާއި ނިޝާން ނަމަކަށް ކިޔާ މީހެކެވެ.

އެ ދެ މީހުންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އެ ހުރިހާ ހެކީންނަކީ ވެސް މަންޒަރު ފެނުނު މީހުން ކަމަށާއި އެ މީހުން ހެކީންގެ ގޮތުގައި ހުށަހެޅީ ދައުވާގައި ބުނެފައިވާ ކަންކަން އެ ދެ މީހުން ނުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

ވިސާމާއި ލީވާންގެ މައްޗަށް އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު މުލީއާގެ ކައިރިން ފެނުނު އައިއީޑީއެއް ކަމަށް ބެލެވޭ އެއްޗެއް މާފަންނު ސްޓޭޑިއަމަށް ގެންގޮސް ސަލާމަތީ ބާރުތަކުން އޭތި ޑިފިއުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒު ހައްޔަރުކުރަން އުޅުނު ފުލުސް އޮފިސަރު މުހައްމަދު ޝަހީނުގެ ގައިގައި ވިސާމް ބައްދާފައިވާ ކަމަށެވެ. އަދި ފިޔާޒުގެ ގައިގައި ޝާހީން ހިފަހައްޓައިގެން ހުއްޓައި ލީވާނު ގޮސް ޝާހީނުގެ އަތް ފިޔާޒުގެ ގައިން ނައްޓުވާފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ.

ދައުލަތުން ކުރި ހުރިހާ ދައުވާތަކަށް ވެސް ވިސާމާއި ލީވާން ވަނީ އިންކާރު ކޮށްފައެވެ.