މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް 2000 ކޯޓާ ލިބުނު ކަމަށް ސަރުކާރުން ކުރިން ބުނިނަމަވެސް އޭގެ ތެރެއިން 1000 ޖާގަ ލިބުމާއިމެދު ބިރު ހީވެއްޖެއެވެ.

ހައްޖާއި ގުޅޭކަންކަން ބަލަހައްޓާ ސަރުކާރުގެ އިސްއޮފިޝަލަކު ވިދާޅުވީ ދިވެހި ސަރުކާރަށް ސައުދީން މިހާރު ޔަގީންކޮށްދީފައިވާގޮތުން ރާއްޖެއަށް މިހާރު ލިބިފައިވަނީ 1000 މީހުންގެ ކޯޓާ ކަމަށެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބުނު ކޯޓާގެ ތެރެއިން 1000 ކޯޓާ ހައްޖު ކޯޕަރޭޝަންއަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު އެކޯޓާތައް ނުލިބުމުގެ މައްސަލަ އެކޯޕަރޭޝަންއަށް ވަނީ ދިމާވެފައެވެ. ސައުދީ ރަސްގެފާނުގެ ހާއްސަ އިނާއަތުންކަމަށް ބުނެ ކުރިން ދޭން ބުނި ކަމަށް ބުނާ 1000 ކޯޓާ ވަނީ އަމިއްލަ ކުންފުނިތަކަށް ބަހާލާފައެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެންމެ އިސް ފަރާތްތަކުން ފެށިގެން މީޑިއާއާއި ހަވާލުވެ ހުންނަވާ ފަރާތްތަކަށް ތަކުރާރުކޮށް ގުޅުމުންވެސް އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައެއްނުވެއެވެ.

"ތިކަމަށް މިހާތަނަށް އެއްވެސް ކޮމެންޓެއް ނެތް." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.