އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 42 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.

އާމިރު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި އޮންނަންވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލުތަކުގައި ހިމެނޭ މެމްބަރުން ދިމިގުރާތީ އުސޫލުތަކުގެ މަތީން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ.

ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ/ މަޖިލިސް

ގާނޫނު އަސާސީ އަށް އެފަދަ އިސްލާހެއް އާމިރު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާމިރު ވިދާޅުވީ ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައި އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމިގުރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލަކަށް ހޮވޭ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.