01 Aug 2016, 14:38
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރަމުންދާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރަށް ތާއީދު ކުރާ ގިނަ މެމްބަރުން އެއްބަސްވެއްޖެ އެވެ.
އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ މީހުންގެ އަބުރަށް އަރައިގަތުމަކީ ވެސް ކަށަވަރުކޮށްދޭން ޖެހޭ ހައްގެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 27ވަނަ މާއްދާގައި ބުނެފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ރާއްޖޭގެ ރާއްޖޭގައި ބޭނުން ކުރަނީ އެންމެ އެދެވިގެންވާ ގޮތުގެ މަތީންތޯ ސުވާލު އުފެދޭ މިންވަރަށް އެ ހައްގު ބޭނުން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލުން ހުއްޓުވަނީ ދޮގު ހަބަރު ފެތުރުމާއި މީހުންގެ އަގުވައްޓާލުން ހުއްޓުވުން ކަމަށެވެ.
"އަބުރުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ދައްކާ ވާހަކަތައް ބަލައިގަންނަން. ނޫސްވެރިން ދައްކާ ޓެކުނިކަލް ވާހަކަތައް އަޅުގަނޑުމެން (ޕީޕީއެމް ޕީޖީ ގުރޫޕް) ބަލައިގަންނަން. އަދި ބިލަށް ބަދަލުތަކެއް ގެނައުމަކީ ޕީޕިއެމްގެ ޕީޖީ ގްރޫޕްގެ ރޫހު ހުރި ގޮތް ކަމަށް ވެސް އަޅުގަނޑު ދަންނަވަން،" ނިހާނު ވިދާޅުވި އެވެ.
އެގޮތުން ނިހާނު ވަނީ އަބުރުގެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލަން ހުށަހަޅާފަ އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
މިއަދުގެ ޖަލްސާގައި އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހަމަދު ސަލީމު ވިދާޅުވީ ގަލަމުގެ މިނިވަންކަން ހުއްޓިގެން ނުވާނެ ކަމަށެވެ. ސަލީމު ވިދާޅުވީ ހިޔާލުފާޅު ކުރުމުގައި "ގަލަމުގެ މިނިވަންކަން އޮންނަންވާނެ" ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީނާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އަބުރުގެ ބިލުގައި ވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް މިއަދު އަބުރުގެ ބިލެއް ރާއްޖެއަށް އައުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ބުނަނީ އިސްލާމީ ޝަރީއަތާއި ހިލާފު ގާނޫނުތަކެއް ނުހެދޭނެ ކަމަށް. މި ބިލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ނެތެކޭ ނޫން މި ބުނަނީ. އިސްލާހު ކުރަންޖެހޭ ކަންކަން ވެސް އެބަހުރި. އެކަމަކު މިބިލަކީ މުހިއްމު ބިލެއް،" ޝާހު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު: ފޮޓޯ/ މަޖިލިސް
މިއަދުގެ ޖަލްސާގައި އަބުރުގެ ބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. އަދި ބިލު ފަރުމާ ކޮށްފައި އޮތް ގޮތުން އެ ބިލަށް ގިނަ ފާޑިކިއުންތަކެއް އިދިކޮޅު މެމްބަރުން ވަނީ އަމާޒުކޮށްފަ އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ބިލަކީ އަބުރުގެ ރައްކާތެރި ކުރުމުގެ ބަދަލުގައި ހިޔާފާޅު ކުރުމުގެ މިނިވަން ކަމަށް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި މިއަދު އަބުރުގެ ބިލުގެ ނޫސްވެރިންނާ ނޫސް އެޖެންސީތައް ތިބީ ބިރުންކަން އިބޫގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ސަން ފައިލް ފޮޓޯ
މަޖިލީހަށް ހުށަހެޅި އަބުރުގެ ބިލު މިއަދު ވަނީ ބަލައިގެ، 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ވަނީ ފޮނުވާފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 38 މެމްބަރުން ވޯޓް ދެއްވިއިރު ނުފެންނަ ކަމަށް 28 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އަދި ނިހާނު ހުށަހެޅުއްވި ގޮތަށް އެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ކޮމެޓީއަކަށް ވެސް ވަނީ ފޮނުވާފަ އެވެ.