25 May 2011, 18:48
ލ. މާބައިދޫގައި ރޭ މަގުމަތިން ހިނގައިފަ ދިޔަ 18 އަހަރުގެ އަންހެންކުއްޖަކު ގަދަކަމުން އެރަށު ފުއްޓަރު ފަރާތަށް ގެންގޮސް، ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހުން ވެސް ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ އަންހެންކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގައި ތުހުމަތުކުރެވޭ ފަސް މީހުން ވެސް އެ ރަށު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ތަފްސީލު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ އެންމެންނަކީ ވެސް އެރަށަށް ނިސްބަތްވާ ޒުވާނުންތަކެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންކޮކާގޭ، އަހުމަދު އަޒުމް 21، އާއި ގޯޅި ތެރޭގޭ، އިބްރާހިމް އަހުމަދު 32، އާއި ސީސައިޑް، ހުސެއިން އާފިޒް 21، އާއި ކުޑަޖެހިގެއާގެ އަހުމަދު އިމްރާން 20، އާއި ބޮކަރުމާގެ، އަހުމަދު ޝިޔާއު އެވެ.
އޭގެ ތެރެއިން އަހުމަދު އަޒުމްއާއި ހުސެއިން އާފިޒަކީ ވައްކަމުގެ ރެކޯޑް އޮތް ދެމީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފޯނުން ވާހަކަ ދައްކަމުން މާބައިދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާއަށް ފަސް މީހުން ވެގެން ހަމަލާދީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން އެ ރަށުގެ ފުއްޓަރަށް ގެންގޮސް ރޭޕްކުރީ ރޭ ގާތްގަނޑަކަށް 6.30 އެހާކަންހާއިރު ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ އެ ރަށު ކައުންސިލުން މިއަދު ބުންޏެވެ.
އަންހެން ކުއްޖާ ގެއަށް ނައިސް ލަސްވެގެން އޭނާގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ފުއްޓަރު ސަރަހައްދުގެ ވަލުތެރޭގައި ހުރި ރުކެއްގެ ބުޑުގައި އިށީނދެ ރޯން އިންދާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލުން ބުންޏެވެ.
އޭނާ ބުނީ އަންހެން ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި އަންހެން ކުއްޖާ އަށް ނުހިނގިގެން ރޭ ފުއްޓަރު ފަރާތުން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ ވެސް ސައިކަލެއްގައި ކަމަށެވެ. އަދި ބޮލަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އެ ކުއްޖާއަށް ކޮށްފައިވާ އަނިޔާގެ ސަބަބުން ނުހިނގޭތީ ސިއްހީ މަރުކަޒަށް ގެންދިޔައީ ސައިކަލެއްގައި ކަމަށާއި ޑޮކްޓަރުން ވެސް ވަނީ އެ އަންހެން ކުއްޖާއަށް ޖިންސީ ހާނީއްކަ ކޮށްފައިވާ ކަން ކަށަވަރުކޮށްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.