01 Aug 2016, 14:24
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ފިރިހެނުންގެ ދެވަނަ ޑިވިޝަން ގައުމީ ބާސްކެޓްބޯޅަ މުބާރާތް މާދަމާ ފަށާނެ އެވެ.
އެ މުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ކުޅޭ ގްރޫޕް އެކެއްގެ މެޗުގައި ބައްދަލުކުރާނީ އެމްއެޗްއެޗްއެސްއޭ އާއި ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނެވެ.
އެ މުބާރާތުގައި މާދަމާ ރޭ ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އެކެއްގެ މެޗެކެވެ. ރޭގަނޑު 9:30 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސްޓިންގާސް ބީސީ އާއި އެލްޓީ ސްޕޯޓްސް ކްލަބެވެ.
ދެވަނަ ޑިވިޝަނުގައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގައި މި އަހަރު ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އެކެއްގައި ސްޓިންގާސް ބީސީ އާއި އެލްޓީ ސްޕޯޓްސް ކްލަބާއި އެމްއެޗްއެޗްއެސްއޭ އާއި ޔޫތު އެކްޓިވިޓީ އެސޯސިއޭޝަން އަދި ވިޔަންސާ ހިމެނޭ އިރު، ގްރޫޕް ދޭއްގައި ހިމެނެނީ ދަ ބައުސް އެސްސީ އާއި ސައިކްލޯން ބީސީ އާއި ކުޑަހެންވޭރު ޔުނައިޓެޑް އަދި ރެޑްލައިން ސިޓީ އެވެ.
އެ މުބާރާތުގެ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ އިރު، ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މި މަހުގެ 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.