ހޯމް މިނިސްޓަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަޒުލީން އަހުމަދު އައްޔަން ކުރައްވައި ހޯމް މިނިސްޓަރު މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒުލީން އެންމެ ފަހުން ހުންނެވީ ހަޔާ އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އަޒުލީނަކީ ތައުލީމީ ދާއިރާގައި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ހޯމް މިނިސްޓަރުކަމުން ރައީސް އޮފީސް މިނިސްޓަރު ކަމަށް ބަދަލުކުރެއްވި ޒުހޫރަކީ މިސަރުކާރުގެ އެންމެ ގިނަ އިސްމަގާމުތައް ފުރުއްވާފައިވާ އެއް ބޭފުޅާއެވެ. އެގޮތުން އެމަނިކުފާން ވަނީ ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ކޮމިޝަނާ އޮފް ކަސްޓަމްގެ މަގާމުވެސް ވަނީ ފުރައްވާފައެވެ.

ހޯމް މިނިސްޓަރު ކަމަށް ޒުހޫރު އައްޔަން ކުރައްވާފައިވަނީ އެމަގާމުގައި ހުންނެވި އުމަރު ނަސީރު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.