ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ވަގުތީ ކޮމެޓީއަކަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ މެޖޯރިޓީ ލިބޭ ގޮތަށް އުފެއްދި ކޮމެޓީއަށް އެ ބިލު ފޮނުވުމުގެ ކުރިން އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 38 މެމްބަރުން ވޯޓް ދެއްވިއިރު ނުފެންނަ ކަމަށް 28 މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އަދި ވަކިކޮޓަކަށް ވޯޓް ނުދެއްވާ އެއް މެމްބަރު އިންނެވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި ގޮތަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވުމަށް ވެސް މަޖިލީހުން ވަނީ ނިންމާފައެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ހަ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ އަދި އެމްޑީޕީގެ ދެ މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ޑރ. އަބްދުﷲ ހަލީލް އާއި އަލީ އާރިފް ގެ އިތުރުން ޖަމީލް އުސްމާން އާއި ބިލު ހުށައެޅުއްވި ޖައުފަރު ދާއޫދު އާއި ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ޝިނާން އަލީ ހިމެނިވަޑައިގަންނަވަ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިލްހާމް އަހުމަދާއި މޫސާ ނިޒާރު އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާއިރު އެމްޑީއޭއަށް ނިސްބަތްވާ އަހުމަދު އާމިރާއި އެމްޑީޕީއަށް ނިސްބަތްވާ މާރިޔާ އަހުމަދު ދީދީގެ އިތުރުން ފައްޔާޒު އިސްމާއިލް އެކޮމެޓީގައި ހިމެނި ވަޑައިގަންނަވައެވެ.

އެ ބިލުގެ ބަހުސް މިއަދު ކޮށްފައިވާއިރު އެ ބިލާ ދެކޮޅަށް ސަރުކާރާ ދެކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ވަނީ އެ ބިލާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.