01 Aug 2016, 14:15
މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ސަބަބުން ގަލޮޅު ދަނޑަށް ގެއްލުމެއް ލިބިދާނެތީ އެޅި މެޓްތަކުގެ ސަބަބުން ދަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ބުނެފި އެވެ.
ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން 'ސަން' އަށް ވިދާޅުވީ، ހޯމް މިނިސްޓްރީން ކުރިއަށްގެންދިޔަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ސަބަބުން ދަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
"ދަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ. ގަލޮޅު ދަނޑުގައި ކުޅޭ ލީގު މެޗުތައް ފަހުން ރާވާފައިވާ ތާވަލާ އެއްގޮތަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑުގައި އެޅި މެޓްތަކުގެ ސަބަބުން ދަނޑުގެ ވިނަގަނޑަށް ބޮޑު ގެއްލުމެއް ލިބި، ފުޓްބޯޅަ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެ ގެއްލުންތައް ލިބިފައިވަނީ ދަނޑުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން މެޓްތައް އަޅާފައި އޮތުމުގެ ސަބަބުންނެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ލީގު މެޗުތަކެއް ފަސްކުރި އިރު، މިހާރު ލީގު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.