01 Aug 2016, 12:44
ވޮޝިންޓަން (އޮގަސްޓް 1): އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާގެ ސިފައިންގެ މީހެއްގެ މައިންބަފައިން ވަނީ މިދިޔަ ހަފްތާގައި އޮތް ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންގައި ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ މުސްލިމުންނާ ދެކޮޅު ސިޔާސަތައް ފާޑު ކިޔާފަ އެވެ.
ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންގައި ވާހަކަ ދައްކަމުން ޚިޒް ޚާން ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕަށް ގާނޫނޫ އަސާސީ ފަހުމު ނުވާ ކަމަށް ބުނެފަ އެވެ. އަދި ލީޑަރަކަށް ބޭނުންވާ މީހެއްގެ ހުންނަން ޖެހޭ ސިފަތައް ކަމަށްވާ "ހެވާއި ނުބައި ދެނެގަތުމާއި އެހެން މީހުންގެ އިހުސާސުތައް ދެނެގަތުމުގެ ގާބިލުކަން" ޓްރަމްޕްގެ ނެތް ކަމަށް ބުނެފަ އެވެ. ޚިޒް ޚާން އެތަގުރީރު ދިން އިރު އޭނާގެ އަނބިމީހާ، ގަޒާލާ ޚާން ކައިރީގައި ހުރި ނަމަވެސް އޭނާ ވާހަކަ ދައްކާފައި ނުވެ އެވެ.
އެހެންކަމުން، ޚިޒް ޚާންގެ ތަގުރީރަށް ރައްދު ދެމުން ޑޮނަލްޑް ޓްރަމްޕް ވަނީ ގަޒާލާ ޚާން ވާހަކަ ދައްކާފައި ނުވަނީ އޭނާއަށް ވާހަކަ ދައްކަން ހުއްދަ ނުލިބުނީމަ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ. އަދި އޭބީސީއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އޭނާ ވަނީ "އެތައް ހާސް މީހުންނަށް ވަޒީފާ ހޯދާ ދިނުމާއި، ވަރުގަދަ ބިނާތައް އެޅުމާއި، ވަރަށް ކާމިޔާބު މީހަކަށް ވުން" ފަދަ ކަންކަން އޭނާ އެމެރިކާއަށްވީ ގުރުބާނީތަކުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ހިލަރީ ކްލިންޓަން އާއި ރަނިންމޭޓް، ޓިމް ކެއިން އަދި ބިލް ކްލިންޓަންވެސް ވަނީ ޓްރަމްޕްގެ އެބަސްފުޅު ކުށްވެރި ކުރައްވާފަ އެވެ. އަދި ގަޒާލާ ޚާންވެސް ވަނީ ޓްރަމްޕަށް ރައްދު ދީފަ އެވެ.
"އަޅުގަނޑުގެ ދަރިފުޅުގެ ބޮޑު ފޮޓޯއެއް ދައްކާފައި ހުރި ސްޓޭޖަށް އެރި އިރު، އަޅުގަނޑުގެ ނަފްސު އަޅުގަނޑަށް ކޮންޓްރޯލް ކުރެވުނީ ކިރިޔާ. ކޮން މަންމައަކަށް ކުރެވޭނީ؟ ޑޮނަލްޑް ޓްރަމްޕްގެ ވެސް އޭނާ ލޯބިވާ ދަރިން ތިބި އިރު އަޅުގަނޑު ވާހަކަ ނުދެއްކި ސަބަބާ މެދު އޭނާ ހަމަ ވިސްނަން ޖެހޭތަ؟" ވޮޝިންޓަން ޕޯސްޓަށް ލިޔުނު އާޓިކަލްއެއްގައި ގަޒާލާ ބުނެފައިވެ އެވެ.
"ޑޮނަލްޑް ޓްރަމްޕް ވަރަށް ގިނަ ގުރުބާނީތާއްވެފައިވާ ކަމަށް އޭނާ ވިދާޅުވި. އޭނާއަކަށް ނޭނގެ ގުރުބާނީގެ މާނަވެސް،" އިތުރަށް ގަޒާލާ ބުންޏެވެ.
އަދި އޭނާ ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ވޭން މުޅި އެމެރިކާ އާއި ދުނިޔެއަށް އިހުސާސުވި ކަމަށް ގަޒާލާ ބުންޏެވެ. ގަޒާލާގެ އިތުރުން ޙިޒް ޚާންވެސް ވަނީ ޓްރަމްޕްގެ ފާޑު ކިޔުންތައް ކުށްވެރިކޮށްފަ އެވެ. އަދި ގައުމަށްޓަކާ ގުރުބާންވެފައިވާ ދަރިއެއްގެ މަންމަގެ އިހުސާސު ދެނެ ނުގަނެވޭތީ ޓްރަމްޕަކީ "ކަޅު ހިތެއް ލިބިގެންވާ" މީހެއް ކަމަށް ބުނެފަ އެވެ.
ޚިޒް ޚާނާއި ގަޒާލާ ޚާންގެ ދަރިފުޅު، ކެޕްޓަން ހުމާޔަން ޚާން މަރުވެފައި ވަނީ އިރާގު ހަނގުރާމައިގައި 2004 ވަނަ އަހަރު އޭނާގެ އުމުރުން 27 އަހަރުގަ އެވެ. (ބީބީސީ)