01 Aug 2016, 12:39
މޯލްޑިވްސް އެސޯއިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބާއްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
މި އަހަރުން ފެށިގެން ކުރިޔަށް އޮތް ތިން އަހަރު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމު ކުރާނީ ތިންކް އެޑްވަޓައިޒިންގ އިންނެވެ.
ތިންކްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނޮމިނޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ތިންކްއިން ބުނީ އާ ނޮމިނޭޝަންތަކަށް މި މުއްދަތު ތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012 ވަނަ އަހަރު ދޭން ފެށި ފަހުން ދަނީ ކޮންމެ އަހަރަކު ވެސް އާ ކެޓެގަރީތަކެއް ތައާރަފު ކުރަމުންނެވެ.
މިފަހަރު އަލަށް އިތުރުކޮށްފައިވާ ފަސް ކެޓަގަރީ އަކީ، ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ. އެ ފަސް ކެޓަގަރީއާ އެކު މިއަހަރު ޖުމްލަ 35 ކެޓަގަރީއަކުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭނެ އެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެކިއެކި ދާއިރާތަކުން އެވޯޑު ދެ އެވެ. މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސެކްޓަރުގައި އެންމެ ނަން ހިނގާ އެވޯޑެވެ.