ހިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އެގޮތަށް ފާސްކުރަން އެކަށީގެން ނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕުރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވި ފަހުން މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި މިއަދު މުއިއްޒު "ސަން"އަށް ވިދާޅުވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ އެ ބިލުގައި ވަރަށް ގިނަ އުނިކަންތައް ހިމެނޭ ކަމެއް ކަމަށާއި އެ ބިލަކީ ދިރާސާ ކުރެވިގެން ފަންނީ ގޮތުން އެކުލަވާލާފައިވާ ބިލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ ބިލް މިއޮތް ގޮތަށް ފާސްކުރަން އެކަށީގެންވާ ބިލެއް ކަމަކަށް އަޅުގަނޑު ނުދެކެން، އަޅުގަނޑު ގަބޫލް ކުރަން އަބުރާ ބެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅެން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ޕީޖީ މުއީޒް ސަން އައް އިނޓަވިއު އެއް ދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަބުރާބެހުނުކަން ސާބިތުވެ އެމީހެއްގެ މައްޗަށް ކުރާ ޖޫރިމަނާ 50000 ރުފިޔާއިން ފެށާ ގޮތަށް އެބިލުގައި އޮތް އިރު އެއީ މާބޮޑު އަދަދެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެބިލް ބުނާ ގޮތުން ޖޫރިމަނާ ފައިސާ ދައްކާފައި ނޫނީ އިސްތިއުނާފް ނުކުރެވޭއިރު މުއިއްޒު ވިދާޅުވީ އެއީ ދައުލަތައް އާމްދަނީ ހޯދާ ޓެކްސްގެ ގާނޫނުތަކުގައި ކަންކަމުގައި ހިމަނާ ގޮތެއް ކަމަށާއި މިފަދަ ގާނޫނެއްގައި އެގޮތަށް އޮންނަން ނުފެންނަ ކަމަށެވެ.

އެ ބިލުގައި ބުނާ ގޮތުން އަބުރާއި ބެހޭ މައްސަލަތައް މީޑިއާގެ ބެލެނިވެރި މިނިވަން މުއައްސަސާއަކުން ބަލާ ގޮތަށް އޮތްއިރު ޖިނާއީ މައްސަލައެއް މުއައްސަސާއަކުން ބަލާނަމަ ގާނޫނު އަސާސީން ދިފާއުވުމަށް ލިބޭ ފުރުސަތުތައް ލިބޭތޯ ސުވާލު އުފެދޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މަހުފޫމްތައް އޮޅުން އަރާފައިވާއިރު ކުރީގެ ގާނޫނުތަކުގައި ބުނެފައިވާ ވާހަކަތައް ވެސް ރިޕީޓްވެފައިވާ ކަަމަށާއި އެހެންކަމުން މިއީ ދިރާސާކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ނުބެލެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެފަދަ ބިލެއްގައި ހިމެނެންޖެހޭ ދިފާއު ނެތްކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އަބުރާބެހުމުގެ ސަބަބުން ބަދަލު ނަގައިދޭ ގަވައިދުގައި ހިމަނާފައިވާ ދިފާއުތައް މާރަނގަޅު ކަމަށެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.