ރާއްޖޭގެ ސީނިއާ އަދި ޖޫނިއާ ގައުމީ ކެރަމް ޓީމު، ދުނިޔޭގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް މި މަހު ޓެސްޓް ސީރީސް މެޗުތަކެއް ކުޅުމަށް ހަމަޖެހިއްޖެ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދޭގޮތުގައި، އިންޑިއާއާ ދެކޮޅަށް މި މަހުގެ 19 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ޓެސްޓް ސީރީސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅޭ އިރު، އޭގެ ތެރެއިން ތިން މެޗު ގެންދާ ޓީމެއް މޮޅުވާނެ އެވެ. މި އަހަރު ރާއްޖޭގައި ޓެސްޓް ސީރީސް ކުޅުމަށް ހަމަޖެހިފައިވާ އިރު، އިންޑިއާގެ ބޮމްބޭގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ޓެސްޓް ސީރީސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެ އެވެ.

މި އަހަރު ހޯމް ޓީމުގެ ގޮތުގައި ކުޅޭ ރާއްޖޭގެ ޓީމަށް ހަ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބޭ އިރު، އަވޭ ޓީމު ކަމަށްވާ އިންޑިއާގެ ޓީމުގައި ހިމެނޭނީ ތިން ކުޅުންތެރިންނެވެ. އިންޑިއާ އަދި ރާއްޖެ އިން ވެސް ޖޫނިއާ އަދި ސީނިއާ ޓީމު ވާދަކުރާނެ އެވެ.

ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސައީދު 'ސަން' އަށް ވިދާޅުވީ، ޓެސްޓް ސީރީސްގެ މަގްސަދަކީ މި އަހަރު އިނގިރޭސިވިލާތުގައި ބާއްވާ ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުކުރުން ކަމަށެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ބޭއްވި އައިސީއެފް ކަޕުގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑެއްޔެއް ހޯދައިފަ އެވެ.