25 May 2011, 18:33
ލ. މާބައިދޫގައި ރޭ ފަސް މީހުން ވެގެން 18 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުތުމަތު ކުރެވޭ އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން މިއަދު މެންދުރު އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ނަމަވެސް، މިހާތަނަށް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަމުގެ އިތުރު ތަފްސީލް ފަހުން ދޭނެ ކަމަށެވެ.
ފޯނުން ވާހަކަ ދައްކަމުން މާބައިދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާއަށް ފަސް މީހުން ވެގެން ހަމަލާދީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން އެ ރަށުގެ ފުއްޓަރަށް ގެންގޮސް ރޭޕްކުރީ ރޭ ގާތްގަނޑަކަށް 6.30 އެހާކަންހާއިރު ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ އެ ރަށު ކައުންސިލުން މިއަދު ބުންޏެވެ.
އަންހެން ކުއްޖާ ގެއަށް ނައިސް ލަސްވެގެން އޭނާގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ފުއްޓަރު ސަރަހައްދުގެ ވަލުތެރޭގައި ހުރި ރުކެއްގެ ބުޑުގައި އިށީނދެ ރޯން އިންދާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލުން ބުންޏެވެ.
އޭނާ ބުނީ އަންހެން ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި އަންހެން ކުއްޖާ އަށް ނުހިނގިގެން ރޭ ފުއްޓަރު ފަރާތުން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ ވެސް ސައިކަލެއްގައި ކަމަށެވެ. އަދި ބޮލަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އެ ކުއްޖާއަށް ކޮށްފައިވާ އަނިޔާގެ ސަބަބުން ނުހިނގޭތީ ސިއްހީ މަރުކަޒަށް ގެންދިޔައީ ސައިކަލެއްގައި ކަމަށާއި ޑޮކްޓަރުން ވެސް ވަނީ އެ އަންހެން ކުއްޖާއަށް ޖިންސީ ހާނީއްކަ ކޮށްފައިވާ ކަން ކަށަވަރުކޮށްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.