01 Aug 2016, 11:46
ހެންވޭރުގައި ހުންނަ މަސްޖިދުލް ތަޤުވާގައި ހުރި މީހެއްގެ ކަންފަތުގައި ދަތް އަޅައި ކަންފަތުގެ ބައެއް ވަކިކޮށްލި މީހާ ކުށަށް އިއުތިރާފުވެ މައާފަށް އެދިއްޖެ އެވެ.
ސ. ހިތަދޫ ސްޓޯބަރީގެ އާސިމް އިބްރާހީމް،24، ގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލާފައި ވަނީ މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާފައިވާއިރު، މީގެކުރިން ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އާސިމް ވަނީ ދައުވާ އަށް އިއުތިރާފު ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ.
ނަމަވެސް މިއަދު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އާސިމް ބުނީ ވަކީލަކު ބޭނުންނުވާ ކަމަށާއި ކުރެވުނު ކުށަށް އިއުތިރާފުވެ މައާފަށް އެދޭ ކަމަށެވެ.
އުމުރުން 53 އަހަރުގެ ނ. ވެލިދޫ އަބްދު ﷲ ފާއިޒުގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ވަކިކޮށްލާފައި ވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު މަސްޖިދުލް ތަޤުވާގައި އޭނާ ނަމާދަށް ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފާއިޒުގެ ކަންފަތުގައި އޭނާ ދަތް އެޅީ ފޯނު ދިނުމަށް ބުނުމުން ފާއިޒު ފޯނު ނުދިނުމުންނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ރާއްޖެއިން ބޭރުން ވެސް ފާއިޒު ވަނީ އޭނާގެ ކަންފަތަށް ފަރުވާ ހޯދާފަ އެވެ.
އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
އާސިމަކީ ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.