01 Aug 2016, 11:24
ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ހާއްސަ މުޝީރު، ޑރ. ވިލީ މުޓުންގާ އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޑރ. މުޓުންގާ ރާއްޖެ ވަޑައިގަތީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ކަމަށާއި މިއީ ފަސް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ޑރ. މުޓުންގާ އިއްޔެ ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އިބްރާހިމް ޝަހީބެވެ.
އެމަނިކުފާނު ރޭ ވަނީ، ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ވެސް ވަޑައިގެންފަ އެވެ.
ޑރ. މުޓުންގާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، މިދިޔަ މަހުގެ ތެރޭގައި ވިދާޅުވި އެވެ.
ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމާއި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތުގައި ކޮމަންވެލްތުގެ އެހީއަށް ދިވެހި ސަރުކާރުން ވަރަށް ގިނަ ފަހަރަށް އެދުނެވެ.
އޭގެ ތެރޭގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމުގައި، އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ހަލުއިކޮށް، ހަރުދަނާ ކުރުމުގައި އެހީތެރިވެދޭނެ ޚާއްސަ މަންދޫބެއް ކޮމަންވެލްތުގެ ފަރާތުންކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.
ކޮމަންވެލްތުގެ ޚާއްސަ މަންދޫބުކަން ޑރ. ވިލީ މުޓުންގާއަށް އަރުވާފައިވާކަން އޭނާ ހާމަކުރެއްވީ، ކެންޔާގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން އޭނާ ރިޓަޔާ ކުރެއްވުމަށްޓަކައި ކެންޔާގެ ސުޕްރީމް ކޯޓުގައި ބޭއްވި
މުޓުންގާ ވިދާޅުވީ ރާއްޖޭގެ މުޝީރެއްގެ ގޮތުގައި ކޮމަންވެލްތުން އޭނާ ހަމަޖައްސާފައި ވަނީ ރާއްޖޭގެ "ސިޔާސީ ލީޑާޝިޕް އެކަތިގަނޑަކަށް" ހެދުމަށެވެ.
އަދި 2018 ވަނަ އަހަރު ގިނަ ބަޔަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް، ދެމެހެއްޓެނިވި ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ހިތްވަރު ދިނުމަކީ ވެސް މެންޑޭޓުގައި ހިމެނޭ ކަމަށް މުޓުންގާ ވިދާޅުވި އެވެ.