އާސެނަލްގެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލުން ވެގެންދިޔައީ ފަސޭހަ ނިންމުމަކަށް ކަމުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ ފޯވަޑް ޖެމީ ވާޑީ ބުނެފި އެވެ.

އިނގިރޭސި ފޯވަޑް ހޯދުމަށް އާސެނަލް އިން ވާޑީ އަށް ބޮޑު އަގެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުން ދޫކޮށްލުމަށްފަހު ލެސްޓާއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފަ އެވެ.

"އަހަރެން ވިސްނާލުމުން އާސެނަލްގެ ހުށަހެޅުން ދޫކޮށްލުމަކީ އެހާ އުނދަގޫ ނިންމުމަކަށް ނުވި. އެއީ އަހަރެންނަށް ވަރަށް ފަސޭހަ ނިންމުމެއް. އަހަރެން ހުންނަން ބޭނުންވާ ތަނަކީ މިއީ. ލެސްޓާ އަކީ އަދިވެސް ކުރިއަށް ވިސްނާ ކްލަބެއް ކަމަށް އަހަރެން ދެކެނީ،"ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވާޑީ ބުންޏެވެ.

ލެސްޓާގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދު މަހްރޭޒް ހޯދުމަށް ކްލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށްވިޔަސް، އޭނާ އެ ކްލަބުގައި މަޑުކުރާނެ އުންމީދުކުރާ ކަމަށް ވާޑީ ބުނެފައިވެ އެވެ.

"އަހަރެންނަށް ހީވަނީ ކްލަބުގެ ހުރިހާ ކުޅުންތެރިން ވެސް އޭނާއާ އެކު ކުޅެން ބޭނުންވާނެ ހެން. އެކަމަކު އެއީ އަހަރެމެންގެ ނިންމުމެއް ނޫން. އެއީ މަހްރޭޒް އާއި ކްލަބުގެ ނިންމުމެއް،" އުމުރުން 25 އަހަރުގެ ފޯވަޑް ވާޑީ ބުންޏެވެ.

މިދިިޔަ ސީޒަނުގައި ލެސްޓާ އިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު، ވާޑީއާ އެކު މަހްރޭޒް އަކީ ވެސް އެ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.