01 Aug 2016, 11:06
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތް ގޮތުން އެ ބިލަކީ މީޑިއާއަށް ފަހި ބިލެއް ކަމަށް ނުދެންނެވޭނެ ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބުރުގެ ބިލަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަބުރުގެ ބިލު މިހާރު އޮތް ގޮތުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ބިލު ފާސްކުރުމުގައި އެ ކަންކަމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުޅުދުށްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި-- ފޮޓޯ/ މަޖިލިސް
އަބުރުގެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަބުރުގެ ބިލުގައި މީޑިއާއަށް ވަކި ހާއްސަ ބާބެއް ކަނޑައަޅާފައި އޮތް ކަމަށާއި އެ ބާބުގައި އިދާރީ ފިޔަވަޅެއްގެ ގޮތުގައި ތަފާތު ފިޔަވަޅުތައް އެޅުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލުގައި އިދާރީ ފިޔަވަޅެއްގެ ގޮތުގައި 50،000 ރުފިޔާއިން 200،000،00 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މެމްބަރު ނަޝީދު ވިދާޅުވީ، އެ ޖޫރިމަނާ ފައިސާ ނުދައްކާ އެ މައްސަލަ ޝަރުއީ އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމަކީ އެކަމުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހަނިކުރެވިގެންދާ ކަމެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ޕޯޑިއަމެއްގައި ވިއަސް އަދި ޖަލްސާއެއްގައި ވިއަސް މީހަކު ދައްކާ ވާހަކަ ނޫސްތަކުގައި ޝާއިއުކުރެވޭނީ އެ ވާހަކައެއް ދެއްކެވި ބޭފުޅެއްގެ ބަހެއް ލިބިގެން ކަމަށް ބުނެފައިވާ މާއްދާއަކީ އެންމެ ރަނގަޅު މާއްދާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގޮތަކަށް ބިލު އޮތުމުން ނޫސްވެރިން ތިބެން ޖެހޭނީ އެ ހަބަރެއް ނުޖަހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަހަރުގައި އެ ވާހަކަދެއްކެވި ބޭފުޅާ ފޯނު ޖަވާބު ނުދެއްވަފާނެ. ފަހަރުގައި އެ ބޭފުޅާ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަން ބޭނުންފުޅު ނުވެދާނެ. އެހެންވެއްޖެ ނަމަ ނޫސްވެރިން ތިބެން ޖެހޭނީ އެ ހަބަރެއް ނުޖަހާ. އަދި އެ ހަބަރެއް ޖަހަން ޖެހޭނީ އެފަދަ ބޭފުޅެއްގެ ބަސް ހޯދުމަށްފަހުގައި ކަމަށް ވިދާޅުވި ނަމަވެސް ދުވަހުން ދުވަހަށް އެބޭފުޅެއްގެ ބަސް ނުހޯދި ދާނެ. ހަބަރު ޝާއިއުކުރާތާ ކުޑަ ވަގުތު ކޮޅެއް ވެދާނެ. އެއަށްވުރެ ލަސްވެސް ވެދާނެ. އެއް ދުވަސް ވެސް ނަގާފާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ނޫސްވެރިއަކު ލިޔާ ހަބަރެއްގެ ސަބަބުން މީހަކު އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ ނޫސްވެރިޔާ ލިޔުނީ ތެދު އެއްޗެއްކަން ސާބިތު ކޮށްދޭނެ ޖެހެނީ ނޫސްވެރިޔާ ކަމަށެވެ.
"އެހެނެއް ނޫން ދެއްތޯ އޮންނަން ޖެހޭނީ. ދައުވާކުރާ މީހާ ދެއްތޯ ސާބިތު ކޮށްދޭން ޖެހޭނީ އޭނާ އެ ކުރާ ދައުވާ އަކީ ސާބިތު ހިފޭ ދައުވާއެއްކަން. އެކަމަކު އަބުރުގެ ބިލުގައި މިއޮތީ އެހެނެއް ނޫން. އެ ހަބަރެއް ޝާއިއު ކުރި ނޫނީ ލިޔުނު ނޫސްވެރިޔާ ސާބިތު ކޮށްދޭން މިޖެހެނީ އޭނާ ލިޔުނު އެއްޗަކީ ތެދު އެއްޗެއްކަން." ނަޝީދު ވިދާޅުވި އެވެ.
އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފި ނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.