ޖޭމްސް މިލްނާ އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.

ޔޫރޯ 2016 ގައި އުމުރުން 30 އަހަރު މިޑްފީލްޑަރު މިލްނާ އިނގިރޭސި ޓީމުން ފެނިގެންދިޔައީ އެންމެ ތިން މިނެޓަށެވެ.

މުބާރާތްތަކުގައި ގައުމީ ޓީމަށް ކުޅުމަށް ގިނަ ވަގުތު ނުލިބޭތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން މިލްނާ ބުނީ، ގައުމީ ޓީމުގެ އާ ކޯޗު ސޭމް އަލާޑައިސްއާ މަޝްވަރާ ކުރުމަށް ގައުމީ ޓީމުގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"އަހަރެން ޖެހޭނީ އެކަމާމެދު ކޯޗު އަލާޑައިސްއާ ވާހަކަދައްކަން. އަހަރެންގެ އުމުރުގައި ދަތުރުކޮށް، ކުޅެން ފުރުސަތު ނުލިބުމަކީ ރަނގަޅު ކަމެއް ނޫން. ޒުވާން ކުޅުންތެރިއެއް ދަތުރުކޮށް، މެޗުތައް ކުޅެ ތަޖުރިބާ ހޯދުމަކީ އެ ކުޅުންތެރިޔަކަށް ވަރަށް ބޮޑު ކަމެއް. އަހަރެން ހަތަރު މުބާރާތެއްގައި ބައިވެރިވިން. އެކަމަކު ކުޅުމަށް އެހާ ގިނަ ފުރުސަތުތަކެއް ނުލިބޭ،" އޭނާ ބުންޏެވެ.

ލިވަޕޫލް މިޑްފީލްޑަރު މިލްނާ 2009 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގައުމީ ޓީމަށް ކުޅެމުންދާ އިރު، މިހާތަނަށް އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 61 މެޗުންނެވެ.