ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރަށް ފާތިމަތު ލައިޝާ ޝާހިރު ހޮވިފައިވާއިރު ދިރާގުން ވަނީ އޭނާއަށް ޕޯސްޓްޕެއިޑް މޮބައިލް ކަނެކްޝަނަކާއި، ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް އެއް އަހަރު ދުވަހަށް މުޅިން ހިލޭ ދިނުމަށް ނިންމަވާފައެވެ.

އެޝަރަފް ލިބުނު ލައިޝާ ބުނީ، އެއީ ރާއްޖޭން ބޭރުގައި ކިޔަވަންހުރެފަ ރާއްޖެއައިސް އަލަށް ނެގި ޕޯސްޓްޕެއިޑް ސިމް އަކުން ލިބުނު ނަސީބެއް ކަމަށެވެ.

"ދިރާގު ކަހަލަ ކުންފުންޏެއްގެ މިފަދަ މައިލްސްޓޯންއެއް އެޗީވް ކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމުން މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް." ލައިޝާ ބުންޏެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަށް ފުޅާކުރުމުގެ ގޮތުން ކެނޑިނޭޅި އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، މިއީ ކަސްޓަމަރުން އެކަންކަން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

ދިރާގުން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭތާ މިހާރުވަނީ 27 އަހަރުވެފައެވެ. މިމުއްދަތުގެ ތެރޭގައި މުއާސަލާތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި އެތައް ހިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ.