25 May 2011, 18:16
ހައި ކޮމިޝަން އޮފް އިންޑިޔާގެ މައްޗަށް މީހަކު ދައުވާ ކުރި މައްސަލައެއްގައި ހައިކޮމިޝަނުން ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބޭނުން ހިފުމުން އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައި ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ހ. ދިވެހިގެ، ކުއްޔަށް ހިފުމަށްޓަކައި އިންޑިޔާގެ ރައީސާއި މުހައްމަދު ޝަރީފްއާ ދެމެދު ވެވަޑައިގެންފައިވާ އެއްބަސްވުމަކީ އިންޑިޔާގެ ހައިކޮމިޝަނަރު ދިރިއުޅުއްވާނެ ތަނެއް ހަމަޖެއްސުމަށް ވެވަޑައިގެންފައިވާ އެއްބަސްވުމެއް ކަމަށެވެ.
އެ ހުކުމުގައި ބުނެފައި ވަނީ އަސާސީ ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައި ގާނޫނު އަސާސީގެ 68 ވަނަ މާއްދާ އަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަން މާނަ ކުރުމުގަ އާއި ލިބިދިނުމުގައި ދިވެހި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތް ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ހާތިފް ގާޒީގެ ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމުގައި ބުނެފައި ވަނީ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961"ގައި ރާއްޖެ އިން ސޮއިކޮށްފައިވާ ކަމަށާއި އެ މުއާހަދާގެ 31 ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ]އޭ[ އިން، ޑިޕްލޮމެޓިކް މިޝަންގެ ބޭނުމަށް ޓަކައި ނުއުފުލޭ މުދަލާ ގުޅިގެން އުފެދޭ ދައުވާތަކުން ޑިޕްލޮމެޓިކް އެޖެންޓުންނަށް އިމްތިޔާޒް ލިބިގެންވާ ކަމަށް އެނގެން އޮންނަ ކަމަށެވެ. އަދި އެ މުއާހަދާގެ އެއް ވަނަ މާއްދާގައި "ޕްރެމިސަސް އޮފް ދަ މިޝަން" މާނަކޮށްފައިވާއިރު އެ މާނައިގެ ތެރޭގައި އެ މިޝަންގެ އެންމެ އިސް ފަރާތް ދިރިއުޅޭ ތަން ހިމަނާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ހުކުމުގައި ބުނެފައި ވަނީ އިންޑިޔާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެންމެ އިސް ފަރާތް ކަމުގައިވާ އިންޑިޔަން ހައިކޮމިޝަނަރު ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް ޝަރީފާ އެކު ވެފައިވާ އެއްބަސްވުމުގައި ޑިޕްލޮމެޓިކް އެޖެންޓުންނަށް ލިބިދޭ ހިމާޔަތް ބަޔާންކޮށްފައި ނުވި ނަމަވެސް، އެ އެއްބަސްވުމުގެ "އިމްޕްލައިޑް ޓާމްސް"ގައި އެ އިމްތިޔާޒުތައް ހިމެނޭނެކަން ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިންޑިޔަން ހައިކޮމިޝަނުން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފާފައިވާތީ ޝަރީފްގެ ދައުވާއަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅީ ކަމަށް އެ ހުކުމުގައިވެ އެވެ.
"...މި ދައުވާއަކީ އިސްވެ ފާހަގަ ކުރެވުނު ސަބަބުތަކަށް ޓަކައި ހައި ކޮމިޝަން އޮފް އިންޑިޔާ އިން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފުމަށް ބޭނުންވި ހިނދު، މި ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަމުގައި ކަނޑައަޅައި ހުކުމްކޮށްފިން،" ގާޒީ ހާތިފް ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.