ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ ކުރަމުންދާ ފޯން ކޯލް ތަކަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އިން އިލްތިމާސްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ، އެ މިނިސްޓްރީން ނުވަތަ ކުޑަކުދިންގެ ހިޔާއިން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ކުރިއަށް ނުގެންދާނެ ކަމަށާއި، އެފަދަ ހަރަކާތެއް ކުރިއަށް ގެންދާނަމަ، އެކަމުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށްކަމަށްބުނެ ކުއިޒެއްގެ ގޮތުގައި ގިނަ ފޯނުކޯލުތަކެއް އާއްމުންނަށް ލިބެމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ. އެފަދަ ފޯނުކޯލެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ މިނިސްޓްރީއިން އެދިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި މިހާރަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި މަޝްހޫރު ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަން ބޭނުންކޮށްގެން ނުދަންނަ ނަމްބަރުތަކުން އާއްމު ރައްޔިތުންނަށް ގުޅައި އެކި ކަހަލަ ވާހަކަތައް ދައްކައި ބޮޑެތި އަދަދުތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.