ރެއާލް މެޑްރިޑްގެ ކޯޗު އަދި ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން އަކީ މިސާލެއް ކަމަށް ވާދަވެރި ބާސެލޯނާއާ އަލަށް ގުޅުނު ޕޯޗުގަލް މިޑްފީލްޑަރު އަންދުރޭ ގޮމޭސް ބުނެފި އެވެ.

ޕޯޗުގަލްއާއެކު ޔޫރޯ 2016 ކާމިޔާބުކުރި ގޮމޭސް، ސްޕެއިންގެ ވެލެންސިއާ އިން ބާސާއާ ގުޅުނީ 35 މިލިއަން ޔޫރޯގެ އަގަކަށެވެ.

ބާސާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ގޮމޭސް ބުނީ، ޒިދާންއާ އެކު ސްޕެއިން މިޑްފީލްޑަރު ޒަވީ އާއި އިނިއެސްޓާ އަދި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ ވެސް އައިޑޮލުންގެ ގޮތުގައި ބަލާ ކަމަށެވެ.

"އަހަރެން ކުޑައިރު އަހަރެންނަށް ބްރެޒިލްގެ ރޮނާލްޑޯގެ ކުޅުން ވަރަށް ކަމުދޭ. މިސާލެއް ކަމުގައި އަހަރެން ދެކެނީ ޒިދާން. މިހާރު ނަމަ، އިނިއެސްޓާ އަދި ޒަވީ. މިހާރު އަހަރެންނަށް އެއިން އެއް ކުޅުންތެރިޔަކާ އެކު ކުޅެލަން ފުރުސަތު ލިބިއްޖެ،" އޭނާ ބުންޏެވެ.

ގޮމޭސް ބުނީ، ބާސާގައި އޭނާގެ ކުޅުން ރަނގަޅު ކުރެވޭނެ ކަމަށާއި ޓީމަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ބާސާގައި ފޯވަޑުންނަކީ އެންމެ މޮޅެތި ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

"މެދުތެރޭގައި ވެސް ވަރަށް ރަނގަޅު އަދި ތަޖުރިބާ އިން ފުރިފައިވާ ކުޅުންތެރިން އެބަ ތިބި. އަހަރެން ސީޒަން ނިންމާލަން ބޭނުންވަނީ ހުރިހާ ކާމިޔާބެއް ހޯދައި، އެ ކާމިޔާބީތަކާ އެކު އުފާފާޅުކުރަމުން. އަހަރެންނަށް އެންމެ މުހިއްމު ކަމަކީ އެއީ،" ގޮމޭސް ބުންޏެވެ.