01 Aug 2016, 12:48
އަންކަރާ (އޮގަސްޓް 1) : ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބާ ގުޅިގެން ތުރުކީގެ ހަގީގީ ރަހްމަތްތެރިންނާއި ދުޝްމަނުން ފާހަކުރެވެމުންދާކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ މަޝްހޫރު ނޫހެއްކަމަށްވާ "އައްސަބާޙް" އަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނަން މަސައްކަތްކުރި އިންގިލާބަކީ ފަހުގެ ތާރީޚުގައި ތުރުކީގެ ވެރިކަމުގެ ނިޒާމަށާއި ދައުލަތަށާއި ރައްޔިތުންނަށް ކުރިމަތިވި އެންމެ ބޮޑު މުސީބާތް ކަމަށާ ނަމަވެސް މި މުސީބާތުގައި ތުރުކީގެ ދައުލަތުގެ "ބުރަކަށްޓަށް ފަހަތުން ވަޅި ޖެހި" އެކުވެރިން އެބަތިބި ކަމުގައެވެ.
އުރުދުޣާން ވިދާޅުވީ މިއިންގިލާބުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތު ކުރެވޭ ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެންއާ ތުރުކީގެ ބައެއް ރަހްމަތްތެރި ގައުމުތަކުން ގުޅުންތައް ބާއްވަމުންދިޔަކަން މިހާރު ބޭޒާރުވެފައިވާ ކަމަށާ މިކަމުގެ ތަހްގީގުތައް ކުރިޔަށްދާ ވަރަކަށް މިގުޅުންތައް އިތުރަށް ބޭޒާރުވެގެންދާނެ ކަމުގައެވެ. އުރުދުޣާންވަނީ އިންގިލާބު ނާކާމިޔާބުވުމާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ އަދި ސައޫދީ އަރަބިޔާއިން ގެންގުޅުނު ސްޓޭންޑްތަކާމެދު ހިތްޕުޅު ހަމަނުޖެހޭކަން ފާޅުކުރައްވާފައެވެ.
މިއާއެކުވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ އަދި ސައޫދީ އަރަބިޔާއިން ފަތްހުﷲ ގުލެންއާއި ގުޅުންތައް ބާއްވަމުން ގެންދިޔަކަމަށް ސީދާގޮތެއްގައި އުރުދުޣާން ވިދާޅެއް ނުވެއެވެ. ނަމަވެސް އިންގިލާބު ނާކާމިޔާބު ވުމަށްފަހު ތުރުކީއާއި ސައޫދީ އަރަބިޔާގެ ގުޅުންތައްވަނީ ފިނިވެފައެވެ. އަދި އިންގިލާބު ނާކާމިޔާބުވުމާއެކުވެސް އިންގިލާބީ ހަރަކާތް ކުށްވެރި ނުކުރާތީ އުރުދުޣާންވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ތަންކޮޅެއްކުރިން ޖުމްލަ ގޮތެއްގައި ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ.
މީގެއިތުރުން އެމެރިކާގައި ދިރިއުޅުއްވާ ފަތްހުﷲ ގުލެން ތުރުކީއާ ހަވާލުނުކޮށްފިނަމަ އެމެރިކާއާއި ތުރުކީގެ ގުޅުންތައް ގޯސްވާނެކަމުގެ އިންޒާރުވެސް އުރުދުޣާންވަނީ ދެއްވާފައެވެ. ފަތްހުﷲ އާ ގުޅިގެން ތުރުކީގެ ވެރިކަން ބަދަލުކޮށްލުމުގެ ފަހަތުގައި އެމެރިކާ ވާކަމަށް އުރުދުޣާން ފާޅުގައި ވިދާޅެއްނުވެއެވެ. ނަމަވެސް އުރުދުޣާން އާއި ތުރުކީގެ އިސްމަސްއޫލުވެރިން މިކަން ގަބޫލުކުރައްވާކަމަށް "އައްސަބާޙް" ނޫސް ބުނެއެވެ.
ތުރުކީއާ ގުޅުންތައް ބޮޑު ގަތަރުންވަނީ އިންގިލާބީ ހަރަކާތް ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އުރުދުޣާން އަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ހަމަދުވަނީ އުރުދުޣާންއާ ފޯނުން ގުޅުއްވާފައެވެ. ނަމަވެސް ސައޫދީ އަރަބިޔާއިން މިގޮތަށް އަމަލުނުކުރާތީ އުރުދުޣާންވަނީ ނުސީދާގޮތެއްގައި ސައޫދީ އަށް ފާޑުވިދާޅުވެފައެވެ. ސޫރިޔާގެ މައްސަލައާ ގުޅިގެން ތުރުކީއަކީ ސައޫދީ އާއި ގަތަރާއެކު ބައްޝާރާ އިދިކޮޅު އެލަޔަންސްގައި ބައިވެރިވާ ގައުމެކެވެ. ނަމަވެސް އިންގިލާބު ނާކާމިޔާބު ވުމަށްފަހު ސައޫދީއާއި ތުރުކީގެ ގުޅުންތައްވަނީ ދުރުވެފައެވެ. އަދި އެމެރިކާއާއި ތުރުކީގެ ގުޅުންތައްވެސްވަނީ ދުރުވެފައެވެ.
ތުރުކީއަށް ގެންނަން މަސައްކަތްކުރި އިންގިލާބު ރާވާފައިއޮތީ ރައީސް އުރުދުޣާން އަވަހާރަކޮށްލުމަށެވެ. މިކަން އުރުދުޣާންއަށް އެންގެވި ކަމަށްވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއެވެ. ޕޫޓިންއަކީ ވަރަށް ފަހަކާ ޖެހެންދެން (ސޫރިޔާގެ މައްސަލައާ ގުޅިގެން) އުރުދުޣާން ގެ ހަތުރެކެވެ. ނަމަވެސް އުރުދުޣާން އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ރަޝިޔާގެ ޖާސޫސީ އިދާރާއަށް ލިބުމާއެކު އެކަން ޕޫޓިން އުރުދުޣާންއާ ހިއްސާ ކުރެއްވުމުން އުރުދުޣާންވަނީ ޕޫޓިންއަށް ތާރީފު ކުރައްވާފައެވެ.
ތުރުކީގެ އަވަށްޓެރި އީރާނަކީވެސް ތުރުކީއާ ދުޝްމަން ގައުމެއް ނޫނެވެ. ނަމަވެސް ސޫރިޔާގެ މައްސަލައާ ގުޅިގެން ތުރުކީއާ ގުޅުންތައް އެހާ ރަނގަނޅު ގައުމެއްނޫނެވެ. ނަމަވެސް އިންގިލާބީ ހަރަކާތާ ގުޅޭ ޖާސޫސީ މައުލޫމާތުތައް އީރާނުންވެސް ތުރުކީ ސަރުކާރާ ހިއްސާކުރުމާގުޅިގެން ދެގައުމުގެ ގުޅުންތައްވަނީ ބަދިހިވެ އިތުބާރު އުފެދިފައެވެ.
މީގެއިތުރުން އިންގިލާބާ ދެކޮޅަށް ހަމްދަރްދީ ފާޅުކޮށް އުރުދުޣާން އަށާއި ތުރުކީގެ ރައްޔިތުންނަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ މެސެޖްތައްވެސް ފޮނުއްވާފައެވެ. ތުރުކީގެ "އައްސަބާޙް" ނޫހަށް ދެއްވި ބަސްދީގަތުމުގައި އުރުދުޣާންވަނީ އޭނާގެ ބޮޑު ހަތުރެއްކަމަށްވާ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށްވެސް ތާރީފު ކުރައްވާފައެވެ.
އުރުދުޣާން ވިދާޅުވީ ބައްޝާރާއި އޭނާގެ ހަތުރުވެރިކަން ލޭއޮހޮރުވާ ހިސާބަށް ގޮސްފައިވީނަމަވެސް ބައްޝާރު އިންގިލާބު ކުށްވެރި ކުރައްވައި ވާހަކަ ދެއްކެވުމުން އުފާކުރައްވާ ކަމުގައެވެ. މިގޮތުން އުރުދުޣާންވަނީ މިމައްސަލާގައި ބައްޝާރުގެ ޕޮޒިޝަނަށް ތާރީފު ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)