01 Aug 2016, 09:28
ހިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފެށުމާއެކު މަޖިލިސް ދޮށުގައި މުޒާހަރާކޮށްފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް "ހިފެހެއްޓޭ" ގޮތަށް ފަރުމާކޮށްފައިވާ ބިލަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދު އަމިއްލަ ހައިސިއްޔަތުން ހުށަހަަޅުއްވާފައިވާ ބިލެކެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: މަޖިލިސް
ޖައުފަރު ނިސްބަތްވެވަޑައިގަންނަވާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫންގެ އަބްދުﷲ ގައްޔޫމް ވެސް ވަނީ އެބިލާ ދެކޮޅު ހައްދަވާފަ އެވެ. އިދިކޮޅު އެމްޑީޕީ ވެސް ވަނީ އެބިލު ފާސް ކުރުމާ ދެކޮޅު ހަދާފަ އެވެ.
މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންދަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ހަނިކުރުމާ ދެކޮޅަށް ނޫސްވެރިން އިސްވެ ފަށާފައިވާ "ހަތާވީސް ދިފާއުގައި" ހަރަކާތުންނެވެ.
މިއަދު ހެނދުނު 9:00 ގައި މަޖިލިސް ފެށުމާއެކު ނޫސްވެރިން ވަނީ މަޖިލިސް ކުރާ ސަރަހައްދަށް އެއްވެ، ނޫސްވެރިންގެ އަޑު އުފުލާފަ އެވެ. ނޫސްވެރިން އަޑު އުފުލާފައި ވަނީ ނޫސްވެރި ކަމުގެ މިނިވަންކަން އެ ބިލުގެ ސަބަބުން ނަގާ ނުލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބިލުގެ ބަހުސް ފެށުމުން ސަރުކާރަށް ތާއިދުކުރާ ބައެއް މެމްބަރުން ވަނީ އެ ބިލަށް ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވާ ކަންތައްތަކަށް އެ ބިލުން ހައްލު ހޯދައިދިނުމުގެ ފުރުސަތު ދޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅަށް ސަރުކާރާ ދެކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ވަނީ އެ ބިލާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިރުމަތީފަރާތު މެމްބަރުންގެ "ކުޑަދޮށު" ސަރަހައްދަށް ނޫސްވެރިން އެއްވުމާއެކު، ފުލުހުން ވަނީ ނޫސްވެރިން އެ ސަރަހައްދުން ދުރަށް ޖައްސާފަ އެވެ. އެއާއެކު އެ މުޒާހަރާ ވަނީ މިހާރު ވަނީ ހުއްޓާލާފަ އެވެ. އެ ބިލާމެދު އޮތް ކަންބޮޑުވުން މަޖިލީހުގެ މެމްބަރުންނަށް އިސްވުމަށް ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް "ހަތާވީސް ދިފާއުގައި" މަސައްކަތް ކުރާ ނޫސްވެރިން ވަނީ ބުނެފަ އެވެ.