01 Aug 2016, 07:18
ދުނިޔޭގެ ރިކޯޑް އަގަކަށް ޔުއެންޓަސްގެ ޕައުލް ޕޮގްބާ މެންޗަސްޓާ ޔުނައިޓެޑުން ގަތުމަކީ މޮޔަ ކަމެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
ވެންގާ އެހެން ބުނީ 110 މިލިއަން ޔޫރޯ ޔުއެންޓަސް އަށް ދެއްކުމަށް ފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ޔުނައިޓެޑުން ޕޮގްބާ ގެނައުމުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވަނިކޮށެވެ.
"އާދައިގެ ދިރުއުޅުމަކާ ޕޮގްބާގެ ޓްރާންސްފާ ފީ އާއި އަޅާ ކިޔާލުމުން ކޮންމެ މީހަކަށް ވެސް ވިސްނޭނެ އެއީ މޮޔަކަމެއް ކަން. ނަމަވެސް އެހާ ބޮޑު އަގެއް ދެއްކޭނެ ބަޔަކަށް އޭނާ ގެނައުމަކީ މާ ބޮޑު މައްސަލަ އަކަށް ނުވެދާނެ،" ވެންގާ ބުންޏެވެ.
ފްރާންސް އަށް އުފަން ވެންގާ ބުނީ ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ މަގްބޫލު ކުޅިވަރު ކަމަށާއި ގިނަ ކުލަބު ތަކަކުން އެ ކުޅިވަރުގެ އެހީގައި ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދާ މިދުވަސްވަރުގައި އެހާ ބޮޑު އަދަދެއް ހޭދަކުރުމަށް ފަހަރުގައި ޖެހިލުން ނުވެދާނެ ކަމަށެވެ.
"އަހަރެން ފުޓްބޯޅައިގަ މިހޭދަކުރި ދުވަސް ތަކުގައި ވިސްނިފައި އޮތީ ޓްރާންސްފާ ފީ މާ ބޮޑު ނުވެ އެއް ވަރެއްގައި ހިފެހެއްޓޭނެ ކަމަށް. ނަމަވެސް އެ ހީކުރުން މި ވަނީ ކުން ހީ އަކަށް ބަދަލުވެފަ. ކުރިއަށް އޮތް އަހަރު ތަކުގެއި ޓްރާންސްފާ ފީ 200 ނުވަތަ 300 މިލިއަން ޔޫރޯ އަށް ވެސް އަރާފާނެ،" ވެންގާ ބުންޏެވެ.
ޓްރާންސްފާ ފީ އެހާ މައްޗަށް އަރައިގެން ދާ ސަބަބެއްގެ ގޮތުގައި ވެންގާ ބުނަނީ ފުޓްބޯޅައިގެ މަގުބޫލު ކަން ބޮޑުވެ ގިނަ ވިޔަފާރިވެރިންތަކެއް އެކުޅިވަރަށް ހޭދަކުރާލެއް ބޮޑުވާތީ ކަމަށެވެ.
ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރީ 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން 100 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ބަދަލުވި ގަރެތު ބޭލް އެވެ. ދެ ވަނާގައި އޮތީ 2009 ވަނަ އަހަރު 94 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.