އެތުލެޓިކްސް އެސޯސިއޭޝަނާ ގުޅިގެން ދިރާގުން ބާއްވާ "ދިރާގު ބްރޯޑް ބޭންޑް ރޯޑްރޭސް" ބޭއްވުމާ ބެހޭ އެއްބަސް ވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި ނަސަންދުރަ ޕެލަސް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ހެޑް އޮފް މާކެޓިން އަހްމަދު މައުމޫނެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު މައިޒާން އަލިމަނިކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެތުލެޓިކްސް އެއޯސިއޭޝަންގެ ރައީސް މައިޒާން އަލި މަނިކު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ރޯޑްޜޭސް ބޭއްވުމަށް ދިރާގުން ދީފައިވާ އެހީތެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި އެ ރޭހަކީ އެތައްބައެއްގެ މަގްބޫލުކަން ލިބިފައިވާ ރޭހެއް ކަމަށާއި އެ ރޭސް ބާއްވާނެ ދުވަހަކަށް އެތައް ބަޔަކު އުއްމީދު ކުރަމުންދާ ކަމަށް ވެސް އަލި މަނިކު ވިދާޅުވި އެވެ.

ދިރާގު ބްރޯޑް ބޭންޑް ރޯޑްރޭސް އާ ބެހޭ މައުލޫމާތު ދެއްވަމުން ދިރާގުގެ މެނޭޖަރ މާކެޓިންގެ އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ އެކެއްގައި ކަމަށެވެ. އަދި ރޭހުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ އެންމެފަހުގެ މުއްދަތަކީ ޖޫން މަހުގެ 26 ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަހަރުގެ އިވެންޓް ރާޅުގަނޑު ސަރަހައްދުން ފެށިގެން ކުރިއަށް ދާނީ އާއިލީ ހަވީރެއްގެ ގޮތުގައި އެކި ކަހަލަ އިވެންޓްތައް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރްޝާން ވިދާޅުވީ ދެ ޖިންސުގެ އެކި އުމުރުގެ މީހުންނާއި ޕްރޮފެޝަނަލް ދުވުންތެރިންނާއި ރިސޯޓްތަކާއި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެ ރޭހުގައި 12 ކެޓަގަރީއެއް ހިމެނޭނެ ކަމަށެވެ. އަދި އެ ކެޓަގަރީތަކަށް އިނާމުގެ ގޮތުގައި މުޅިއެކު ދޮޅުލައްކަ ރުފިޔާ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ފަހަރުގެ ރޯޑްރޭސްގެ ތީމެއްގެ ގޮތިގައި ހަމަޖެހިފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާމެދު ހޭލުންތެރިކަން އިތުރު ވުމަށް ކަމަށާއި އެ އިވެންޓްގެ ތެރޭގައި އެކަމާ ބެހޭ ހޭލުންތެރިކަން ކުރިއަށްދާނެ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.