ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑުގެ ދެ ތަރިން ކަމުގައި ކެޓްރީނާ ކައިފް އަދި ޖެކޮލިން ފެނާންޑޭޒް އަކީ ގިނަ ބަޔަކު އެއްގޮތް ކުރާ ދެތަރިންނެވެ. ފަހަރުގައި އެއީ، ދެ ފަންނާނުންނަކީ ވެސް އިންޑިއާ އަށް ނިސްބަތް ނުވާ ދެމީހުންނަށް ވުން އެކަށީގެންވެ އެވެ.

ދެމީހުންގެ ހެދުން އެޅުމާއި، ސިފަ އާއި އެކްޓިން އަކީ ވަރަށް ގިނަ ބަޔަކު އަޅާކިޔައި ކަންކަމެވެ. ނަމަވެސް އެކަމާ ޖެކޮލިން ހިތްހަމަ ނުޖެހޭ ކަން މިވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖެކޮލިން ބުނީ، ކެޓްރީނާ އާއި އޭނާ އަޅާ ކިޔުމަކީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން ކަމަށެވެ.

"އަހަރެމެންނަކީ މުޅިން ތަފާތު ދެ މީހުން. މީހުން ވެސް އެބަ ޖެހޭ އެކަން ދެނެގެނަންނަން. އަދި ބަލައިގަންނަން ވެސް،" އޭނާ ބުނެފައިވެ އެވެ.

ކެޓްރީނާ ކައިފް: ކެޓްރީނާ އަކީ ބޮލީވުޑަށް ނުކުންނަށް ބޭނުންވާ އެހެން ގައުމު ތަކުގެ ފަންނާނުންނަށް ހިތްވަރެއް ކަމަށް ބުނެ ޖެކޮލިން ވަނީ ކެޓްރީނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި --

ސްރީ ލަންކާ އަށް ނިސްބަތްވާ ޖެކޮލިން ބުނީ، ބޮލީވުޑަށް ނުކުތުމުގެ ކުރިން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ވެސް ކެޓްރީނާގެ ސަބަބުން ކަމަށެވެ.

"މިވީ އަހަރުތަކުގައި ކެޓްރީނާ ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައި. އަހަރެން ފުރަތަމަ ބޮލީވުޑަށް ނުކުތް އިރު ނަމޫނާ ލިބިގަތް މީހެއް ކެޓްރީނާ އަކީ. އަހަރެން ގަބޫލު ކުރީ ކެޓްރީނާ އަށް ވަންޏާ އަހަންނަށް ވެސް ވާނެޔޭ. ކެޓްރީނާ އަކީ ބޮލީވުޑުގައި ކުރިއަށް ދާން ބޭނުންވާ އިންޑިއާ އަށް ނިސްބަތް ނުވާ ވަރަށް ގިނަ މީހުންނަށް ހިތްވަރެއް،" ޖެކޮލިން ބުނެފައިވެ އެވެ.

އުމުރުން 30 އަހަރުގެ ޖެކޮލިން ބޮލީވުޑަށް ނުކުތީ 2009 ވަނަ އަހަރު ނުކުތް ފިލްމު "އަލާދިން" އިންނެވެ. އެ ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، އޭގެ ފަހުން ނުކުތް "މާޑަރ 2"، ހައުސްފުލް 2"، "ހައުސްފުލް 3"، "ރޭސް 2" އަދި "ކިކް" އަކީ މުޅިން ވެސް ކާމިޔާބު ފިލްމުތަކެވެ. އަދި މިދިޔަ ހުކުރު ދުވަހު ނުކުތް "ދިޝޫމް" އަކީ ވެސް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.