ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޯޑާ ވިދާޅުވީ އެކަމަނާގެ އުންމީދަކީ އަބުރުގެ ބިލް މަޖިލީހުން ފާސްކުރުމުގެ ކުރިން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ގެނެސް ދެއްވުން ކަމަށެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިވެގެންދާ އެބިލަށް ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަބުރުގެ ބިލާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބުރު ރައްކާތެރި ކޮށްދޭ ބިލުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. އެ ބިލު ފަރުމާ ކުރެވިފައިވަނީ މިނިވަން ދިމިކްރާތީ ނިޒާމެއްގައި ލިބިދޭ މިނިވަންކަން ބޭނުންކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭގޮތަށް ކަމަށް އެމެރިކާ އެމްބަސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކާ، ނޯވޭ، ނެދަލޭންޑްސް، ޖަރުމަނުވިލާތުގެ އިތުރުން އިނގިރޭސި ވިލާތުގެ ހައިކޮމިޝަން އަދި ސްރީލަންކާ އާއި ރާއްޖޭގައި ހުންނަ އީޔޫގެ މިޝަން ހިމެނެ އެވެ.

"އެތައް މިންނެއް މަސައްކަތުން ހޯދާފައިވާ ޑިމޮކްރެޓިކް މުއައްސަސާތަކާއި ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ޝަމިލްވާ އެންމެހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ" އެމެރިކާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވޭތުވެދިޔަ މަސްތަކުގައި ރައްޔިތުންނަށް ދިމިގްރާތީ ނިޒާމެއް ގެނެސްދިނުމަށް ފަހަތައް އެޅި ފިޔަވަޅު ފަހަތައް އެޅި ފިޔަވަޅު އަނބުރާލައި ދިމިގްރާތީ މަގަށް ރުޖޫއަވުމަށް އެމެރިކާއިން ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ގޮވާލައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ބިލު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޖައުފަރު ދާއޫދު އެހެން ވިދާޅުވެފައިވާއިރު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވަނީ އެ ބިލަށް ފާޅުގައި ދެކޮޅު ހައްދަވާފަ އެވެ. ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މިހާރު މަޖިލީހަށް ހުށަހެޅިފައިވާގޮތަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

އަބުރުގެ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފިނަމަ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ނޫސްވެރިންދަނީ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.