ބޮލީވުޑުގެ އެކްޓްރެސް ޖެކޮލިން ފެނަންޑޭޒް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ޖެކޮލިން ރާއްޖޭގައި ހުރީ ކޮން ރިސޯޓެއްގައި ކަން އަދި ސާފު ނުވި ނަމަވެސް، އޭނާ ވަނީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ޖެކޮލިން ރާއްޖެ އައިސްފައި ވަނީ އޭނާގެ މަންމަ، ކިމް ފެނަންޑޭޒް އާއެކު އެވެ. މަންމަ އާއެކު ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ކޮށް، ލިޔެފައި ވަނީ "ގްރީޓިންގސް ފްރޮމް ދަ މޯލްޑިވްސް" އެވެ.

ޖެކޮލިން ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސްފަ އެވެ. އެއީ "ވޯގް އިންޑިއާ" ގެ ޝޫޓިން އަކަށެވެ.

ޖެކޮލިން ރާއްޖެ އައިސްފައި މި ވަނީ އޭނާގެ ފިލްމު "ދިޝޫމް" ރިލީޒް ކުރިތާ ދެ ދުވަސް ފަހުންނެވެ. ޖެކޮލިން އާއެކު އެ ފިލްމުން ފެނިގެން ދާނީ ޖޯން އަބްރަހަމް އަދި ވަރުން ދަވާން އެވެ.

"ދިޝޫމް" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ޖެކޮލިންގެ "އަ ފްލައިންގ ޖެޓް" ވެސް ކުރިއަށް އެބަ އޮތެވެ. އެ ފިލްމުގައި އޭނާ އާއެކު ފެނިގެން ދާނީ ޓައިގާ ޝްރޯފް އެވެ.