ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރުގެ ދަރިފުޅު، އާލިއާ ބަޓް އަކީ މިވަގުތު ބޮލީވުޑުގައި އެންމެ ވިދުން ގަދަ އެއް ތަރި އެވެ. ތަފާތު ރޯލުތައް ކުޅެ، އާލިއާ ވަނީ އޭނާ އަކީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ފިޓު އެކްޓަރެއްކަން ސާބިތުކޮށްދީފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނުކުތް "ސްޓުޑެންޓް އޮފް ދަ އިޔަރ" އިން އެކްޓިން ކެރިއަރު ފެށި އާލިއާ ވަނީ މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ކޮންމެ ފިލްމެއްގައި ވެސް ތަފާތު މޮޅު އެކްޓިން އެއް ދައްކާފައިވެ އެވެ. އޭގެ ތެރެއިން ވެސް "ހައި ވޭ" އަދި އެންމެ ފަހުން ނުކުތް "އުޅްތާ ޕަންޖާބް" ފާހަގަކޮށްލެވެ އެވެ.

އެކްޓު ކުރުމުގެ އިތުރުން އާލިއާ އަންނަނީ ލަވަކިޔުމުގެ ހުނަރު ވެސް ދައްކާލަމުންނެވެ. ލަވަކިޔުމާއި އެކްޓު ކުރުމުގައި އޭނާ އަކީ މޮޅު ފަންނާނެކަން ސާބިތުކޮށްދީފައި ވީނަމަވެސް، އޭނާ އަށް ދުވަހަކު ވެސް ފިލްމެއް ޑައިރެކްޓު ނުކުރެވޭނެ ކަމަށް އާލިއާ މިވަނީ ބުނެފަ އެވެ.

ބައްޕަ، މަހޭޝް ބަޓް އަކީ ކިތަންމެ މޮޅު ޑައިރެކްޓަރެއް ނަމަވެސް، އޭނާގެ ކިބައިގައި އެ ހުނަރު ނެތް ކަމަށް އާލިއާ ބުނެ އެވެ.

"ފަހަރުގައި އަހަންނަށް ފިލްމެއް ޕްރޮޑިއުސް ކުރެވިދާނެ. އެކަމަކު ދުވަހަކު ވެސް ޑައިރެކްޓަރަކަށް ވެވޭނެ ހެން ހިޔެއް ނުވެ. އެއީ ޑައިރެކްޓަރަކަށް ވުމަކީ ވަރަށް ބޮޑު ކަމަކަށް ވާތީ. އަހަރެންގެ ކިބައިގައި އެ ކުޅަދާނެ ކަމާއި ގާބިލު ކަމެއް ނެތް،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާލިއާ ބުންޏެވެ.

އުމުރުން އެންމެ 23 އަހަރުގެ އާލިއާ މިހާތަނަށް ހަތް ފިލްމެއް ވަނީ ކުޅެފަ އެވެ. ހަތް ފިލްމުގެ ތެރެއިން ފްލޮޕްވީ 2015 ވަނަ އަހަރު ރިލީޒްވި "ޝާންދާރު" އެކަންޏެވެ.

އާލިއާ ބުނީ ފިލްމެއް ކުޅޭ އިރު އޭނާގެ މައިންބަފައިންގެ ފަރާތުން އެއްވެސް އިރުޝާދެއް ނުލިބޭ ކަމަށާއި، ހުރިހާ އިރުޝާދެއް ވެސް ދެނީ އެ ފިލްމެއްގެ ޑައިރެކްޓަރު ކަމަށެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ނޮވެމްބަރު 25 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު، "ޑިއާ ޒިންދަގީ" އިންނެވެ. ގޯރީ ޝިންދޭ ޑައިރެކްޓު ކުރާ އެ ފިލްމުން އާލިއާ އާއެކު ފެނިގެންދާނީ ސުޕަސްޓާ ޝާހްރުކް ޚާން އެވެ.