01 Aug 2016, 09:09
އިމާރާތްތަކުން ފުރިފައިވާ މި މާލޭގެ ގޭ ބަންދުން އެތައް ބަޔަކު ސަލާމަތްކޮށްދިން އެއް ތަނަކަށް ރަސްފަންނު މި ވަނީވެފަ އެވެ. މީގެ ހައެއްކަ މަސް ކުރިން ހުޅުވި އެ ބީޗަކީ އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ބީޗެކެވެ. އެތަން ހުޅުވިތާ އަދި އަހަރެއް ވެފައިނުވާ އިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް އެ ސަރަހައްދަށް މި ވަނީ ވެފަ އެވެ. އެއާ އެކު ފާޑުކިޔުންތައް މި ވަނީ އަމާޒުވާން ފަށައިފަ އެވެ. އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ބަލަންވާ ވަރަށް ނުބަލައި ހަދާފައިވާ ތަނެއްގެ ގޮތުގަ އެވެ.
ރަސްފަންނަށް އެންމެ ފުރަތަމަ މައްސަލަ ދިމާވީ ހުޅަނގު މޫސުމާ އެކު ރަސްފަންނަށް ވަރަށް ބޮޑަށް އުދަށް އެރުމުންނެެވެ. އެއާ އެކު ރަސްފަންނުގައި ހަދާފައިވާ ވެލިގަނޑު ވަރަށް ބޮޑަށް ވަނީ ގިރާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެސަރަހައްދުގައި ބަހައްޓާފައިވާ ޖޯލިތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އޭގެ ފަހުން އެ ސަރަހައްދަށް ވެލިއެޅި ނަމަވެސް އެ ވެލިގަނޑު ދަނީ މޫދަށް ދަމައިގަންނަމުންނެވެ. މިއީ ވެސް އެތައް ބައެއްގެ ފާޑުކިޔުންތަކެއް ހައުސިން މިނިސްޓްރީއަށް އަމާޒުވި އެއް ކަމެވެ.
ރަސްފަންނުން ބޮޑު ބައެއް ގިރައިފަ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ފާޑުކިޔުންތަކަށް އޭރު ޖަވާބު ދެމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ރަސްފަންނު ބީޗު ހަދަން ފެށި އިރު ވެސް ނިންމާފައި ވަނީ ގެއްލުންތައް ބަލައި އެކަންކަން ހައްލު ކުރަން ކަމަށެވެ. މިހާރު އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެވި އެބަދަލުތައް ވަރަށް އަވަހަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
"އޭރުގައި ވެސް އަޅުގަނޑުމެން ގަބޫލު ކުރިން އަދި މިހާރު އަޅުގަނޑުމެންނަށް އޭތި ޔަގީންވެގެންދޭ މާ ބޮޑު އެޖެސްޓްމަންޓުތަކެއް ގެންނަން ނުޖެހޭ، ހަމަ ކުދިކުދި ބަދަލުތަކެއް ހަރަދުތަކަށްބަލާ އިރު ވެސް ބޮޑު ހަރަދެއް ވެސް ކުރަން ނުޖެހި ހަމަ ވަރަށް މިނިމަމް ކޯސްޓަކުން އަޅުގަނޑުމެންނަށް ގެނެވޭނެ ބަދަލުތައް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ވެލިގަނޑު ގިރާލުމުގެ އިތުރުން އެ ސަރަހައްދުގެ ޑިޒައިނަށް ވެސް އެތައް ފާޑުކިޔުމެއް ދަނީ އަމާޒު ވަމުންނެވެ. އެގޮތުން ޕޭމަންޓު ހަދާފައިވާ ގޮތާއި ރަސްފަންނު ވެލިގަނޑާއި ރާނާފައިވާ ފާރާއި މެދު ވެސް ވަނީ އެތައް ބަޔަކު ފާޑު ކިޔާފަ އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވާ ގޮތުގައި އެފާރުގެ ސަބަބުން އެ ސަހައްދަށް އުދައަރައިފިނަމަ އެ ފެންތަށް ފޭބުމަށް ހުރަހަކަށްވެ އެވެ.
އެ ސަރަހައްދުގައި ފެންބޮޑުވެއްޖެ ނަމަ އެ ފެން ހިނދޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުގައި ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ. ޕޭވްމަންޓާއި ގޮނޑުދޮށާއި ދެމެދުގައިވާ އެއް ފޫޓު ފުޅާ ފާރުގެ ސަބަބުން ފެން ހިނދުމަށް ހުރަހަކަށް ނުވާނެ ކަމަށާއި އެފާރުގެ ސަބަބުން މޫދުން އަންނަ ލޮނު މަގަށް ދިއުން ހުއްޓުވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ގޯސް ހާލަތުގައި ވެސް އެއްގަމު މަގަށް ރާޅު އަރައިފި ނަމަ ނޫނީ ވަރަށް ބޯކޮށް ވާރޭވެހި އާދަޔާއި ހިލާފު ސްޓޯމެއްގައި ވާރޭ ވެހިއްޖެއްޔާވެސް ޑިސިޕޭޓްކުރެވޭގޮތަށް ފެންގަނޑު ހިންދޭގޮތަށް ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމްކޮށްފައި އެބަހުރި." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ސަންއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފައިލް ފޮޓޯ
ރަސްފަންނަށް ކިޔާ ފާޑުކިޔުންތަކުގެ ތެރެއިން ދެން އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ވަނީ އެ ސަރަހައްދުން ސުނާމީ ބިނާ މައިދާނާ ހަމައަށް ހަދާ ޖޮކިން ޓުރެކެވެ. ގިނަ ބަޔަކު މިހާރު ވެސް ދުވެ ކަސްރަތު ކުރަންދާ ރަސްފަންނުގައި ހަދާ އެ ޖޮގިން ޓްރެކުގެ ފުޅާ މިނުގައި ފަސް ވަރަކަށް ފޫޓް ހުންނައިރު އެއީ އެފަދަ ޓުރެކްތަކުގެ ފުޅާ މިން ނޫން ކަމަށް ބުނެ ބައެއް މީހުން އެކަމަށް ފާޑުކިޔާފައިވެ އެވެ. ޑރ. ހަސަން ހަމީދު ގަބޫލު ކުރައްވާ ގޮތުގައި އެފަދަ ޓުރެކެއްގައި މަދުވެގެން ހަތް ވަރަކަށް ފޫޓް ހުންނަންވާނެ އެވެ.
ޖޮގިން ޓުރެކަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަކީ އެންމެ ކުރިން ވެސް ޕްލޭން ކުރެވިފައިވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ފަހުން ފެށުނީ އޭރު ބަޖެޓު ހަމަނުޖެހުމުން ކަމަށެވެ. ޖޮގިން ޓުރެކް ހަނިކަމަށް ދެކެވޭ ވާހަކަތަކަށް މިނިސްޓަރު ވިދާޅުވީ ބޭރު މަގަކީ މުހިންމު މަގަކަށްވުމުން ޖޮގިން ޓުރެކް ފުޅާނުކުރެވި ވަނީ ދުއްވާ އެއްޗިއްސަށް ތަންދިނުމުގެ ގޮތުން ކަމަށެވެ. އެ ޓުރެކް ހަދާފައި ވަނީ މާލޭގައި ތަންލިބެން އޮތް މިންވަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް މާލޭގެ މަގުތައް ފުޅާކުރެވޭކަށް ހުރީކީއެއް ނޫން ބޭރުގެ މަގުތައް ފިޔަވައި ބޭނުންވާ ފުޅާމިނެއްގައި ޕޭމަންޓު ހެދޭކަށް ނެތް، އޭގެ މާނައަކީ މިއީ ގޯސް ޑިޒައިނެއް ނޫނޭ، މިކޮންސްޓެންޓުގައި މާލެއަށް ރަނގަޅު ޑިޒައިން، ދެން މިޑިޒައިންގެ ތެރެއިން ނެރޭނެ އެންމެ ރަނގަޅު އައުޓްކަމްއެއް ދެއްތޯ އަޅުގަނޑުމެން ނެރެން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެހެންމެ އެ ޖޮގިން ޓުރެކް ހެދުމުގައި ކޮންކުރިޓް ބޭނުންކޮށްފައިވުމާއި އެޖޮގިން ޓުރެކްޓުގައި އަޅާފައިވާ މެޓަށް ވެސް ފާޑުކިޔުންތައް މިވަނީ އަމާޒުވެފަ އެވެ.
އެ ޖޮގިން ޓުރެކް ކޮންކުރިޓް އެޅި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ޓުރެކް ލެވަލް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ ޓުރެކުގެ ކޮންމެ ހަތަރު މީޓަރަކުން ޖޮއިންޓެއް ލައްވާފައިވާ އިރު ޓުރެކް މަތީ އަޅާފައިވާ މެޓަކީ ދުވާ މީހުންގެ ފަޔަށް ގެއްލުންނުވާނެހެން ހަދާފައިވާ މެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ އަކަސް ރަސްފަންނަށް މި ވަނީ އެތައް ފާޑުކިޔުމެއް ރައްދުވެފަ އެވެ. ކަންތައް ކޮންމެ ގޮތަކަށް އޮތަސް އެ ގޮނޑުދޮށްވެފައި މި ވަނީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭ ތަނަކަށެވެ. ނަމަވެސް ފާޑު ކިޔުން އިންތިހާއަށް ބޮޑެވެ. ސަރުކާރުގެ ޖަވާބަކީ އެތަން ހަދާފައި ވަނީ މާލޭގައި އެފަދަ ތަނެއް ހެދޭނެ އެންމެ ރަނގަޅަށް ކަމަށެވެ.
ކޮންމެ އަކަސް ރަސްފަންނަށް މިވަނީ އެތައް ފާޑުކިޔުމެއް ރައްދުވެފައެވެ. ކަންތައް ކޮންމެ ގޮތަކަށް އޮތަސް އެގޮނޑުދޮށްވެފައިމިވަނީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ތަނަކަށެވެ. ނަމަވެސް ފާޑު ކިޔުން އިންތިހާއަށް އިތުރެވެ. ސަރުކާރުގެ ޖަވާބަނީ އެތަން ހަދާފައިވަނީ މާލޭގައި އެފަދަ ތަނެއް ހެދޭނެ އެންމެ ރަނގަޅަށް ކަމަށެވެ.