31 Jul 2016, 20:42
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މާދަމާގެ ޖަލްސާގައި ބަހުސް ފެށުމަށް އެޖެންޑާ ކޮށްފައިވާ އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ބިލު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނާ މިއަދު މީޑިއާ ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އަބުރުގެ ބިލާ ގުޅިގެން މީޑިއާގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފަ އެވެ. މީޑިއާގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ޖައުފަރު ދާއޫދު ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާވެފަ އެވެ.

އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅިގެން މީޑިއާ ކައުންސިލުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަ މެމްބަރު ޖައުފަރު ދާއޫދާ ހިއްސާކުރައްވަނީ -- ފޮޓޯ/ މީޑިއާ ކައުންސިލް
އޭގެ އިތުރުން ކޮމިޓީ މަރުހަލާގައި ބިލާ މެދު ބަހުސްކުރެވޭއިރު ނޫސްވެރިންގެ ކަންބޮޑުވުންތައް އިއްވުމަށް މީޑިއާ ކައުންސިލަށް ފުރުސަތު ދެއްވާނެ ކަަމަށްވެސް ޖައުފަރު ދާއޫދުވަނީ ވިދާޅުވެފަ އެވެ. އެބައްދަލުވުމުގައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖައުފަރު ދާއޫދު އެހެން ވިދާޅުވެފައިވާއިރު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވަނީ އެ ބިލަށް ފާޅުގައި ދެކޮޅު ހައްދަވާފަ އެވެ. ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މިހާރު މަޖިލީހަށް ހުށަހެޅިފައިވާގޮތަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.
އަބުރުގެ ބިލު ހުށަހަޅާފައިވާގޮތަށް ފާސްކޮށްފިނަމަ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ނޫސްވެރިންދަނީ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.