ކޮރަޕްޝަނުގެ ތުހުމަތުގައި ހުއްޓުވުމަށް ފަހު، އަލުން ބިޑަށް ލައިގެން ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފައިވާ އިމިގްރޭޝަންގެ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް އަލުން އިއުލާންނުކޮށް، ކުރިން ވެސް އެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިޔާގެ ނެކްސްބިޒް ކުންފުނިން ކުރިއަށްގެންދާ ގޮތަށް ކެބިނެޓުން ނިންމަވައިފި އެވެ.

ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓް މިހާރު ވެސް އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށްގެންދިއުމަށް މިދިޔަ ހަފްތާގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމަވައިފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ އެ ޕްރޮޖެކްޓް ކުރިއަށްގެންގޮސްފައިވާ ގޮތުގައި "އެއްވެސް މައްސަލައެއް އުޅޭ" ކަމަށް ކެބިނެޓަށް ނުފެންނާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓް ކުރިއަށްގެންގޮސްފައި އޮތް ގޮތުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް ނުފެންނާތީ ނެކްޒްބިޒްއާ އެކު ކުރިއަށްގެންދަން ކެބިނެޓުން ނިންމައިފަ އޮތީ،" ޕްރޮޖެކްޓާ މެދު ގޮތެއް ނިންމުމަށް ކެބިނެޓަށް ހުށަހެޅުއްވުމަށް އިމިގްރޭޝަނަށް ލަފާދެއްވި މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، އޭސީސީން އަންގައިފައި ވަނީ، ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ޖެހޭނީ ނޭޝަނަލް ޕްލޭނިން ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ފަރާތުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް ޕްރޮޖެޓުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް ތައްޔާރުކޮށްގެން، އަލުން ބިޑް ކޮށްގެން ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ކެބިނެޓުން ނިންމެވި ކަން އެކޮމިޝަށް އަންގައިފަ ނުވާ ކަމަށެވެ. "ނާންގަނީސް ތިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނާކަށް ނޭނގޭނެ އެހެންނުންތޯ؟" ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް، އެ މައްސަލަ ބައްލަވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ނިންމެވުމާ އަދި އޭސީސީގެ ނިންމެވުމާ ތައާރުޒް ވާތީ، އިމިގްރޭޝަނުން އަދި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ކެބިނެޓުން ޕްރޮޖެކްޓް ނެކްސްބިޒްއާ އެކު ކުރިއަށްގެންދިއުމަށް އަންގަވައި ރައީސް އޮފީހުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭސީސީގެ ނިންމެވުމަށް ތަބާވާން ވެސް މީގެ ކުރިން ރައީސް އޮފީހުން އަންގާފައިވާ އިރު، އޭސީސީން ނިންމައިފައި ވަނީ ޕްރޮޖެކްޓް އަލުން ބިޑްކުރުމަށް ކަމަށްވާތީ، އެ އެންގެވުންތަކުގައި "ކޮންފިއުސް"ވާ ނުވަތަ އޮޅުންއަރާ ކަންތައްތަކެއް ހުރުމުން އެކަމާ ބެހޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގައި ކޮންޓްރޯލާ ވިދާޅުވި އެވެ.

ނަމަވެސް، ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އިމިގްރޭޝަނުގެ އޮފިޝަލުންތަކެއް ވިދާޅުވަނީ، އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް އިމިގްރޭޝަނުގެ ބައެއް އިސްބޭފުޅުން ބޭނުން ނުވާ ކަމަށާއި އެ ފަރާތްތަކުން ބޭނުންވަނީ އެ ޕްރޮޖެކްޓް ލަންކާގެ އިންފޮމެޓިކްސް ކުންފުންޏާ ހަވާލުކުރުމަށް ކަމަށެވެ.

އެއް އަހަރު ތެރޭ ރާއްޖޭގައި އީ- ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް އޮކްޓޯބަރު 16، 2010ގައި މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 39 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ 20 އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ މި ސިސްޓަމް ބެހެއްޓުމަށް ފަހު ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޑޮލަރުގެ ފީއެއް ދައްކަންޖެހޭ ކަމަށެވެ. އަދި ވޯކްވިސާ ހެއްދުމަށް 15 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. އަދި ނެކްސްބިޒްގެ ފަރާތުން އެ ކުންފުންޏަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ރޯޔަލްޓީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.