01 Aug 2016, 07:26
ފިލްމީ ކެރިއަރުގައި ޕްރިތީ ޒިންތާ ވަނީ ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނަކާއެކު މަސައްކަތްކޮށްފަ އެވެ. އަމިއްލަ ވިޔަފާރީގެ ކަންތައްތަކުގައި މިހާރު ބުރަކޮށް އުޅޭ ޕްރިތީ ވަނީ ޝާހް ރުކް ޚާން، އާމިރު ޚާން ރިތިކް ރޯޝަން އަދި ސަލްމާން ހާން ފަދަ މަގްބޫލް ތަރިންނާއެކު ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.
ނަމަވެސް އެ ހުރިހާ ތަރިންގެ ތެރެއިން ވެސް ޕްރިތީ އަށް އެންމެ ކަމުދާ އެކްޓަރަކީ ސަނީ ޑިއޯލް އެވެ. ޕްރިތީގެ ކުރިއަށްއޮތް ކޮމެޑީ ފިލްމު، "ބައްޔާޖީ ސުޕާހިޓް" ގައި ވެސް އޭނާ ފެނިގެންދާނީ ސަނީއާއެކު އެވެ.
"އަހަރެން ވަރަށް އުފާވޭ ސަނީއާއެކު މަސައްކަތްކުރަން. އޭނާއަކީ އަހަރެންގެ ފޭވަރިޓް،" ކުރިއަށް އޮތް ފިލްމުގައި ސަނީއާއެކު ފެނިގެންދާތީ ޕްރިތީ ބުންޏެވެ.
ބޮލީވުޑްގެ ޑިމްޕަލް ބިއުޓީ ބުނީ، އަށް އަހަރު ފަހުން ސަނީއާއެކު ފިލްމެއް ކުޅެން ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި ޑިއޯލްގެ އާއިލާއަކީ އޭނާއާ ވަރަށް ގާތް ބައެއް ކަމަށެވެ. އަދި ކުރިން ސަނީ ދެކެ އޭނާ ބިރުގަތް ނަމަވެސް ސަނީއާއެކު އަލުން ފެނިގެންދާ ފިލްމަކީ މަޖާ ފިލްމެއް ކަމުން ވަރަށް އުފާވާ ކަމަށް ވެސް ޕްރިތީ ބުންޏެވެ.
"ވަރަށް ދުވަސްކޮށްފަ އަހަރެން ފިލްމެއް ކުޅޭއިރު، އެ ފިލްމުގެ ޝޮޓްތަކަކީ ވަރަށް ޝައުގުވެރި ޝޮޓްތަކެއް. ސަނީއާއެކު މަސައްކަތްކުރުމަކީ ދިރިއުޅުން ފަސޭހަކޮށްދޭ ކަމެއް އަދި އޭނާއަކީ ހަމައެކަނި އެކްޓަރެއް ނޫން. އޭނާ އަކީ ޑައިރެކްޓަރެއް. ސަނީ އަބަދުވެސް ވިސްނާނީ އެކްޓަރާމެދު. އަހަރެންނަށް ސަނީ ވަރަށް އޯގާތެރިވާނެ،" ސަނީއަށް ތައުރީފްކޮށް ޕްރިތީ ބުނެފައިވެ އެވެ.
އަމީޝާ ޕަޓޭލްވެސް ފެނިގެންދާ ފިލްމު، "ބައްޔާޖީ ސުޕާހިޓް" އަކީ ލޮސް އެންޖަލިސް އަށް ނިސްބަތްވާ ޖީން ގުޑް އިންފައާ ކައިވެނިކުރުމަށްފަހު އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ.