ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އޮފީސް ހުންނަ ހ. ސަކީނާ މަންޒިލް ކައިރިއަށް ގޮސް ތިން މީހަކު ރޭ އޭނާއަަށް މަރުގެ އިންޒާރު ދިނުމުން ފުލުހުން ސެކިއުރިޓީ ހަމަޖައްސައިދީފި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ސެކިއުރިޓީއަށް އެދިފައިވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ސެކިއުރިޓީއަށް އެދުނުތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ފުލުހުން ސެކިއުރިޓީ ހަމަޖައްސައި ދީފައިވާ ކަމަށް އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އުމަރު މިއަދު 'ސަން' އަށް ވިދާޅުވީ އޭނާ ފުލުހުންގެ ސެކިއުރިޓީއަށް އެދުނީ ގޭންގްތަކުން އޭނާއަށް ވަޅިން ހަމަލާދީ މަރާލަން ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. ރޭގެ ވަގުތެއްގައި ވަޅި ހިފައިގެން ދިޔަ ތިން މީހުންގެ ގުރޫޕަކުން އުމަރަށް ވަނީ އިންޒާރުދީފަ އެވެ. އެކިގަޑިތަކުގައި އޭނާ ފެނޭތޯ ސަކީނާ މަންޒިލް ސަރަހައްދުގައި އެ ތިން މީހުން ފާރަލާފައިވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"ސަކީނާ މަންޒިލްގެ ބޭރުގައި އަޅުގަނޑުގެ ސެކިއުރިޓީން ތިއްބައި ވަޅި ހިފައިގެން އެ ތިން މީހުން އެތަނަށް ގޮސް ހަޑިހުތުރު ބަހުން ވާހަކަ ދައްކަމުން ބުނީ ތިޔައީ އުމަރު ނަސީރުގެ ސެކިއުރިޓީންދޯއޭ. އޭނައަކީ އަހަރުމެންގެ ފައިގައި ޓެގް އަޅުވަން އުޅުނު މީހެކޭ. އޭނަ މަރާލާނަމޭ،" އުމަރު ވިދާޅުވި އެވެ.

އެ ތިން މީހުން ވެސް މަރުގެ އިންޒާރުދިނީ މަސްތުގެ ހާލަތުގައި ތިބެގެން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ފުލުހުން ސެކިއުރިޓީ ހަމަޖައްސައި ދެނީ ފުލުހުންގެ ސެކިއުރިޓީއަށް އެދުމުން ތްރެޓް އެނަލިސިސްއެއް ހެދުމަށް ފަހު ސެކިއުރިޓީ ދޭން ޖެހޭ ކަމަށް ފެނުމުންނެވެ.